16 Oct 2016, 14:09
ހުޅުމާލޭގައި ގެސްޓް ހައުސްތައް ހުންނަ ސަރަހައްދު މޫދަށް އެރިއުޅުނު އަންހެނަކު ގެނބެމުން ދަނިކޮށް ސިފައިންގެ މީހަކަށް ފެނިގެން އޭނާ ސަލާމަތްކޮށްފި އެވެ.
ގެނބެމުން ދަނިކޮށް ސަލާމަތްކޮށްފައި ވަނީ 35 އަހަރުގެ އަންހެނަކެވެ.
މޫދަށް ގެނބުނު އަންހެން މީހާ ސަލާމަތްކުރި ސިފައިންގެ މީހާ "ސަން" އަށް ބުނީ އޭނާ ގެނބެމުން ދިޔަ އިރު އެ ސަރަހައްދު މޫދުގައި އެ އަންހެން މީހާއާ އެކުގައި އިތުރު މީހަކު ނެތް ކަމަށާއި، ގެނބެން މެދުވެރިވި ސީދާ ސަބަބު ނޭނގޭ ކަމަށެވެ.
"އަޅުގަނޑަށް ފެނުނީ ގެނބެމުން ދަނިކޮށް. ދެން ފެނުނީމަ ގޮސް ގެނައީ އެއްގަމަށް. އޭރު ބުރުގާ ވެސް އޮތީ ކަރުގައި އޮޅިފައި ވަރަށް ގަދަޔަށް. ގެނބެން މެދުވެރިވީ ކީއްވެކަމެއް އަޅުގަނޑަކަށް ވެސް ނޭނގޭ،" ސިފައިންގެ މީހާ ބުންޏެވެ.
ސިފައިންގެ މީހާ ބުނީ، އެއްގަމަށް ގެނެސް އަންހެން މީހާއަށް ބޮވިފައިވާ ލޮނުތައް ބޭރު ކުރުމުން ނޭވާލާން ފެށި ކަމަށެވެ. ހާލަތު އެހާ ގޯސް ކަމަށް ނުފެންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ލޮނުތައް ބޭރުކުރީމަ ނޭވާލާން ފެށި. ކޮންޑިޝަން އެހާ ގޯސްކަމަކަށް ބުނާކަށް ނޭނގޭ. އެކަމަކު އެތަނުން ދެވެން އޮތް ފަރުވާ ދީފަ އެމްބިއުލާންސް އަށް ލައިގެން ހޮސްޕިޓަލް އަށް ގެންދިޔައީ،" ސިފައިންގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ބުނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ދިޔައިރު، ގެނބުނު އަންހެން މީހާއަށް އެހާ ރަނގަޅަށް ނޭވާ ނުލެވޭ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، މޫދަށް ގެނބުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް ރަނގަޅަށް ވާހަކަ ނުދެއްކޭތީ ހޮސްޕިޓަލުގައި ބާއްވާފައިވާ ކަމަށް ވިދާޅުވި އެވެ.