16 Oct 2016, 13:35
ސިވިލް ކޯޓުން މިއަދު ކުރި ހުކުމާ އެއްގޮތަށް މިރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން އެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިރޭ 9:00 ގައި ކައުންސިލް ބައްދަލުވުން ބާއްވަން ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށާއި ރައީސް މައުމޫނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިރޭގެ ބައްދަލުވުމުގައި ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކަންތައް ކުރިއަށްގެންދާނެ ގޮތަކާ މެދު ވެސް މިރޭ މަޝްވަރާ ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވިފަހުން މިހާތަނަށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިނުވާތީ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅޭގޮތުން މިރޭ މަޝްވަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށާއި ރައީސް މައުމޫނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުން އިބްރާހީމް ޔޫސުފްފުޅާއި އަބްދުއްރަހީމް އަދި ޒާހިދު ރަމީޒް ވަކިކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.
އެހެންކަމުން އެ ބޭފުޅުން މިރޭ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށާއި ޕީޕީއެމްގެ ކައުންސިލަށް މައުމޫން އައްޔަން ކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަހުމަދު ސޮފްވާނަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެހެންމެ އިލެކްޝަންސް ކޮމިޝަނުން، ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އާމިނަތު ނާދިރާ އަށް ވެސް މިރޭގެ ބައްދަލުވުމުގައި ބައިވެރި ނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.