"ވޯލްޑް އޯޝަން ޑޭ" ނުވަތަ ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމަށް "ޓައިނީ އައިލެންޑް ވޮލިންޓިއާޒް" ޖަމިއްޔާއާއި މުއިޒިކީ ފަންނާނުން ގުޅިގެން ހާއްސަ ޝޯވ އެއް މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓައިނީ އައިލެންޑް ކޮންސަވޭޝަންގެ ކޯ ފައުންޑާ މެމްބަރު މައުރޫފް ހަލީލް )މާޕު( ބުނީ، މިރޭ 8:30 ގައި ސީ ހައުސް ރެސްޓޯރެންޓުގައި ކުރިއަށްދާ އެ ޝޯވގައި މުއިޒިކީ ތަފާތު ފަންނާނުންނާއި ބޭންޑުތަކުގެ ހުށަހެޅުންތައް ފެންނާނެ ކަމަށެވެ. އެ ޝޯވްގެ މަގުސަދަކީ މިއަދު ދުނިޔޭގަ ފާހަގަކުރާ ކަނޑުގެ ދުވަހުގެ މުނާސަބަތުގައި ބައިވެރިވުން ކަމަށާއި އަދި ތިމާވެށި ރައްކާތެރިކުރުމުގެ މިހުންމު ކަން ޒުވާނުންނަށް އަންގައިދިނުން ކަމަށް ވެސް މާޕު ބުންޏެވެ.

"މިއަދަކީ ވޯލްޑް އޯޝަން ޑޭ ވީމަ އަޅުގަނޑުމެން މިދުވަސް ސެލެބްރޭޓްމިކުރަނީ. އަހަރުމެންނަކީ ސައްތައިން ސައްތަ ކަނޑުގައި އުޅޭ ބައެއް. އެހެންވީމަ، މިކަހަލަ ދުވަހެއް ޒުވާނުންނާ މިއުޒިކް ކުޅޭ ކުދިން އިސްނަގައިގެން ބޭނުންވީ ފާހަގަ ކުރަން. އެހެންވީމަ، ޓައިނީ އައިލެންޑް ކޮންސަވޭޝަނުން މިކަމަށް މަގުފަހިކޮށްދެނީ،" މައުރޫފް ބުންޏެވެ.

އެނާ ބުނިގޮތުގައި މިރޭގެ ޝޯވ ފައްޓަވައިދެއްވަނީ އެންވާރަމަންޓް މިނިސްޓާ މުހައްމަދު އަސްލަމެވެ. އަދި ޓޫރިޒަމް މިނިސްޓާ މަރިޔަމް ޒުލްފާވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މާޕު ބުންޏެވެ.

މާޕު ބުނީ، ވެލާ ކަހަނބު ހިމާޔަތްކުރުމަށް އެ ޖަމިއްޔާއިން ޅ. ނައިފަރުގައި ހިންގާ ޓައިނީ އައިލެންޑް ކޮންސަވޭޝަން ސެންޓަރުން ވެސް އެރަށުގައި މިއަދު ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ޅ. އަތޮޅުގެ އެކި ރަށްރަށުން ސްކޫލް ކުދިން ގެނެސް، ތިމާވެއްޓާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށާއި އަދި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ހިންގާފައިވާ ކަމަށެވެ.

އަދި ވެލާ ހިމާޔަތްކުރުމަށް ޓައިނީ އައިލެންޑްގެ ވޮލިންޓިއަރުން މަސައްކަތްކުރާ ގޮތް އެކުދިންނަށް ކިޔައިދީފައިވާ ކަމަށް ވެސް މާޕު ބުންޏެވެ.

ޓައިނީ އައިލެންޑް ވޮލިންޓިއާޒްއަކީ ތަފާތު ދާއިރާތަކުގެ ބޭރުގެ ތަޖުރިބާކާރުން ގެނެސްގެން ވޮލިންޓަރީ ހިދުމަތްދޭ ޖަމިއްޔާއެކެވެ. ނައިފަރުގައި ކޮންސަވޭޝަން ސެންޓަރު ހިންގަނީ އެ ޖަމިއްޔާ މެދުވެރިކޮށް ރާއްޖެ އައިސްފައިވާ މެރިން ބައޮލޮޖިސްޓުންނާއި އަދި ނައިފަރު ޖުވެނައިލް ޖަމިއްޔާ ގުޅިގެންނެވެ.