ޕީޕީއެމްގެ ހިންގުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.

ރައީސް މައުމޫނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ދެންމެ "ސަން"އަށް ވިދާޅުވީ ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މަސައްކަތް ކުރަމުންދަނީ، ވީހާވެސް އަވަހަށް އެ މައްސަލަ އިސްތިއުނާފް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި އަމުރުގައި ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށެވެ.

މިހާރު ޕީޕީއެމްއަށް ދިމާވެފައިވާ ހާލަތަކީ ޕާޓީގައި ރައީސަކު ނެތުމެކޭ އެއްފަދަ ހާލަތެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ޕީޕީއެމް އަކީ އެޕާޓީގެ އަސާސީ ގަވާއިދާ، ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ޕާޓީއެއްކަން ޔަގީން ކުރުމަށްޓަކައި ޕީޕީއެމްގެ ހުރިހާ ކަމެއް ބަލަހައްޓައި ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީން ކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.

ރައީސް މައުމޫން އިއްޔެ ވަނީ ޕީޕީއެމްގެ ކައުންސިލްއިން ދެ މެމްބަރަކު ވަކިކޮށް ރައީސް މައުމޫންއަށް ތާއީދު ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއެކު ދެ ބޭފުޅުން ކޮށްޔަންކޮށްފަ އެވެ.

މިފަހަކަށް އައިސް ސަރުކާރު ހިންގެވުމުގެ ކަންކަމާއި ޕީޕީއެމް ހިންގެވުމުގެ ކަންކަމުގައި ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.