ހަފްތާ ބަންދަށް ފަހު ދިރާގުގެ މުވައްޒަފުން މިއަދު އޮފީހަށް ނުކުތްއިރު ހެޑް އޮފީހުގެ ލޮބީ އޭރިއާ ވަނީ ކުނިބުނިން ފުރާލާފަ އެވެ. ގިނައިން އަޅާފައިހުރީ ޕުލާސްޓިކް ކޮތަޅެވެ. މުވައްޒަފުންނަށް ލިބުނު ނުތަނަވަސް ކަމާއެކު ހުރިހާ މުވައްޒިފުން ހޯލަށް އެއްކުރެވުނެވެ. އެއާއެކު ސީސީޓީވީ ފުޓޭޖެއް އާންމު ކުރެވުނެވެ. އެ ފުޓޭޖުން ފެންނަނީ ބަޔަކު ދިރާގުގެ އޮފީހަށް ވަދެ މުޅި ހޯލަށް ކުނި އަޅާތަނެވެ.

ހައިރާންކަމާއެކު ފުޓޭޖް ބަލަން ތިއްބައި ކުއްލިއަކަށް އެތަނަށް އައީ ރާއްޖެ ވަށައި ކަޓަމަރާނެއްގައި ބުރެއް ޖަހައިގެން ރާއްޖޭގެ ތާރީހީ ރެކޯޑް ގާއިމް ކުރި އަބްދުލް ޣަފޫރު އަލީ (ގައްބެ)، އައެވެ. މުވައްޒަފުންނާއި ވާހަކަދައްކަމުން ގައްބެ ބުނީ ޕަލާސްޓިކް ކޮތަޅުން ލިބެމުންދާ ގެއްލުން އޭނާއަށް ފެނިފައިވާ ކަމަށެވެ.

ގިނަ ބަޔަކަށް ގަބޫލު ކުރެވޭ ގޮތުގައި ޕުލާސްޓިކް ކޮތަޅު ފެންނަނީ ރާއްޖޭގެ އަތޮޅުވެރިން ކަމަށް ވީނަމަވެސް ރާއްޖޭގެ ބޮޑެތި ކަނޑުތަކުގައި ވެސް ގިނައަދަދެއްގެ ޕްލާސްޓިކް ކޮތަޅު ފެންނަ ކަމަށް ބުންޏެވެ.

"ޖެލީ ފިޝް އުޅޭހެން ރާއްޖޭގެ ރީތި ކަނޑުތަކުގައި ގިނަ ކޮތަޅު ހުރޭ، މިކަމާ ފުންކޮށް ވިސްނަންޖެހޭ،" ގައްބެ ބުންޏެވެ.

ގައްބެ ވަނީ ދިރާގުގެ ލޯގޯ ޖަހާފައިވާ ކޮތަޅެއް ތައާރަފްކޮށްފަ އެވެ. އެކޮތަޅަކީ ބާޒާރަށް ދާއިރު ބޭނުން ކުރުމަށް ދިރާގުން ތައާރަފު ކުރި ކޮތަޅެކެވެ. ގިނަ ދުވަހު ބޭނުން ކުރެވޭ އެކޮތަޅު ހަދާފައި ވަނީ ފަސޭހައިން ގެންގުޅެވޭ ގޮތަށެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ، އެކޮތަޅު ދިރާގުގެ ކަސްޓަމަރުންނަށް ބެހުމަށް ނިންމާފައިވާ ކަމަށެވެ. ޕްލާސްޓިކް ކޮތަޅުންވާ ގެއްލުމަށް ދިރާގުގެ މުވައްޒަފުންނާއި ސްކޫލު ކުދިން ހޭލުންތެރިކުރުވުމަށް ނިންމާފައިވާ ކަމަށް ވެސް މިރުޝާން ވިދާޅުވިއެވެ.

ދިރާގުގެ ކޮންމެ ޑިޕާޓްމަންޓެއްގައި ޕްލާސްޓިކް ކޮލެކްޓް ކުރުމަށް ހާއްސަ ޑަސްބިނެއް ބަހައްޓާފައިވާއިރު ބޭނުންކުރާ ޕްލާސްޓިކް އުކާލުމުގެ ބަދަލުގައި ރީޔޫސް ކުރުމަށް ނިންމާފައިވާ ކަމަށް މިރުޝާން ވިދާޅުވި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގެ ގޮނޑޮދޮށްތައް ސާފްކުރުމާއި ތިމާވެއްޓަށް ހިދުމަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިރުޝާން ވިދާޅުވިއެވެ.

އެ ކެމްޕޭނުގައި ދިރާގާއި ބައިވެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ޕާލޭގެ އެގްޒެކްޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިދާޅުވީ ބޭނުމަކީ ޕްލާސްޓިކްގެ ގެއްލުން މީހުންނަށް ވިސްނައިދީ މަދުކުރަމުން ކުރަމުންގޮސް ޕުލާސްޓިކް ބޭނުން ކުރުން މަދުކުރުން ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް 30 މިިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެކޮށްފައިވާއިރު ގިނަ އަދަދެއްގެ ކޮތަޅުތަކުން ދަނީ ތިމާވެއްޓަށް ގެއްލުން ލިބެމުންނެވެ. ޕްލާސްޓިކް ކޮތަޅުގެ ސަބަބުން އަހަރެއްގެ މައްޗަށް އެއްލައްކަ މަސްމަހާމެހި މަރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

ދިރާގުގެ މުއައްޒަފުން އޮފީހަށް އައިއިރު މުޅި ގޯތިތެރެއަށް ޕްލާސްޓިކް ކޮތަޅު އެޅުމުން އެތަހައްމަލް ކުރަން ޖެހުނު އުނދަގޫ ތިމާވެއްޓަށް ވެސް ކުރާނެކަން މުއައްޒަފުންނަށް އިހުސާސްކުރެވި އެ ކުންފުނީގެ އަމާޒަކީ އެކަންކަމަށް ހައްލު ގެނައުމެވެ.