އިންޑިއާގެ ކްރިކެޓް ލެޖެންޑު މަހިންދުރަ ސިންގ ދޯނީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމް 'އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ' އަށް 200 ކުރޯޑު ރުޕީސް އަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ހައުސް ފޮކްސް ސްޓާރ ސްޓޫޑިއޯސް އިން ބުނެފި އެވެ.

ޕްރޮޑިއުސަރުން ހާމަކުރި ގޮތުގައި އެ ފިލްމަށް މިހާތަނަށް 204 ކުރޯޑު ރުޕީސް ވަނީ ލިބިފަ އެވެ. އެއީ އިންޑިއާ އިން ލިބުނު 175.7 ކުރޯޑު ރުޕީސް އާއި ފިލްމު އެޅުވި އެހެން ގައުމުތަކުން ލިބުނު 29 ކުރޯޑު ރުޕީސް އެވެ.

'އެމްއެސް ދޯނީ' ރިލީޒް ކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓު ކުރި އެ ފިލްމުގައި ދޯނީގެ ރޯލު އަދާކުރަނީ ހުނަރުވެރި ބަތަލާ ސުޝާންތު ސިންގ ރާޖްޕުތު އެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ދެން ފެނިގެން ދާނީ ކިއާރާ އަދްވާނީ، ދިޝާ ޕަޓާނީ، އަނޫޕަމް ޚޭރު އަދި ބޫމިކާ ޗަވްލާ އެވެ.

ސުޝާންތުގެ 'އެމްއެސް ދޯނީ' އަށް ބޮޑު ތަރިހީބެއް ލިބެމުން އަންނަ އިރު، އަކްޝޭ ކުމާރުގެ 'ރުސްތަމް' ފަހަތަށް ޖައްސާލުމަށް ފަހު މި އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމުގެ ލިސްޓުގެ ތިން ވަނަ އަށް އެ ފިލްމު އަރާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާ ކުރެ އެވެ.