ޑީއާރުޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ނައްތާލައި ޕާޓީ ވަރުގަދަ ކުރުމަށް ޓަކައި ކުއްލި ގައުމީ ޖަލްސާއެއް ބޭއްވުމަށް ޑީއާރުޕީގެ ރަށްރަށުގެ ގޮފިތަކުން ގޮވާލަން ފަށައިފި އެވެ.

ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީއަލީ އަށް އެޑްރެސްކޮށް އެކި ގޮފިތަކުން ޑީއާރުޕީ އަށް ފޮނުވާފައިވާ ސިޓީތަކާއި ބަޔާންތަކާއި ގަރާރުތަކުގައި ބުނެފައި ވަނީ، ޕާޓީގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ނައްތާލައި ފުރިހަމަ އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާ ކުރުމަށް ދިމާވެފައިވާ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވުން ކަމަށެވެ. އަދި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި ޕާޓީގެ ޒައީމު މައުމޫން އަބުދުލްގައްޔޫމާ ދެމެދު އުވެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ޑީއާރުޕީ އަށް ފުރިހަމަ ގޮތުގައި އަދާކުރަމުން ނުގެންދެވޭ ކަމަށާއި އެކަން ހައްލު ލުރުމަށް ކުއްލި ގައުމީ ޖަލްސާއެއް ބޭއްވުމަށް ވެސް ބައެއް ގޮފިތަކުން ވަނީ ގޮވައިލައިފަ އެވެ.

"މެއި މަހު ޑީއާރުޕީގެ ޒައީމު އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު ޑީއާރުޕީގެ އެންމެހާ މެންބަރުންނާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައި ވިދާޅުވެފައިވާ ފަދައިން އެތެރެ އާއި ބޭރުން ޑީއާރުޕީ އަށް ކުރިމަތި ވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ޑީއާރުޕީގެ ގައުމީ ޖަލްސާއެއް ވީހާ އަވަހަކަށް ބާއްވައި ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދުން ކަމުގައި މި ގޮފީގެ މެންބަރުން ދެކޭ،" ރ. އުނގޫފާރު ގޮފިން ނެރުނު ބަޔާނެއްގައިވެ އެވެ.

ގދ. މަޑަވެލީ ގޮފިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޑީއާރުޕީ އުފެދުނު ދުވަހުން ފެށިގެން ވެސް އެ ރަށަކީ ޑީއާރުޕީގެ މެޖޯރިޓީ ދަމަހައްޓަމުން އަންނަ ރަށެއް ކަމަށާއި އެ ގޮފިން އަބަދު ވެސް ޕާޓީގެ ޒައީމަށް ތާއީދު ކުރާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށު ކައުންސިލްގެ ފަސް ގޮނޑި ޑީއާރުޕީ އަށް ލާމިޔާބު ކުރެވުނީ މަޑަވެލި މެންބަރުންގެ ހިތްވަރުން ކަމަށާއި ނަމަވެސް މިހާރު ޑީއާރުޕީގެ އިސް ސަފުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މެންބަރުން މާޔޫސްވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ. އަދި ޕާޓީގެ ޒައީމު އިޝާރާތް ކުރައްވާފައިވާ ފަދައިން އަވަސް މުއްދަތެއްގައި ޑީއާރުޕީގެ ކުއްލި ގައުމީ ޖަލްސާއެއް ބޭއްވުމަށް ޕާޓީގެ ލީޑަރަށާއި ކައުންސިލަށް ވެސް މަޑަވެލީ ގޮފިން ވަނީ ގޮވާލައިފަ އެވެ.

ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރުކަން ދޫކޮށްލައްވައި، އެމްޑީޕީއާ ގުޅިވަޑައިގެންނެވި ތޮއްޑޫ ދާއިރާގެ އަލީ ވަހީދަށް ނިސްބަތްވާ އއ. ތޮއްޑޫ ޑީއާރުޕީ ގޮފިން ވެސް ވަނީ ޑީއާރުޕީގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލަން ކުއްލި ގައުމީ ޖަލްސާއެއް ބާއްވަން ތާއީދުކުރާ ކަމަށްބުނެފަ އެވެ.