16 Oct 2016, 12:44
ގޯވާ (އޮކްޓޯބަރ 16) : އިންޑިޔާގައި މިހާރު ކުރިޔަށްދާ ބްރިކްސްގެ ގައުމުތަކުގެ ލީޑަރުންގެ ސަމިޓްގެ އަރިމަތީގައި އިންޑިޔާ އާއި ރަޝިޔާއިން އެތަށް ބިލިޔަން ޑޮލަރެއްގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
މިއީ ރަޝިޔާގެ ޒަމާނީ ހަތިޔާރު އިންޑިޔާއަށް ވިއްކުމާއި ރަޝިޔާގެ ޓެކްނޮލޮޖީގައި އިންޑިޔާގައި ހަތިޔާރުގެ ފެކްޓަރީތައް ބިނާކުރުމާއި ރަޝިޔާގެ ގުދްރަތީ ގޭހާއި ތެޔޮ އިންޑިޔާއަށް ވިއްކުމުގެ އެއްބަސްވުންތަކެކެވެ. މިއެއްބަސްވުންތަކުގައި އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު ނަރަންދުރަ މޯދީ އެވެ. ރަޝިޔާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ރައީސް ވްލަޑިމިޔަރ ޕޫޓިން އެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޕޫޓިންވަނީ އިންޑިޔާއަކީ ރަޝިޔާގެ ޒަމާންވީ ރަހްމަތްތެރިއެއްކަމަށް ސިފަކުރައްވާފައެވެ. މޯދީ ވަނީ ރަޝިޔާއަކީ އިންޑިޔާގެ ބައިވެރިއެއްކަމަށް ސިފަކުރައްވާފައެވެ.
ރަޝިޔާއިން ގަތުމަށް އިންޑިޔާ ބޭނުންވާ ހަތިޔާރުގެ ތެރޭގައި މިސައިލާ ދެކޮޅަށް ބޭނުންކުރުމަށް ރަޝިޔާގައި އުފައްދާފައިވާ އައްޑަނައިގެ ނިޒާމުތައް ކަމަށްވާ އެސް 300 އާއި އެސް 400 ގެ ނިޒާމުތައް ހިމެނެއެވެ. މީގެއިތުރުން ރަޝިޔާގެ ފަންނީ އެހީއާއެކު އަސްކަރީ ހެލިކޮޕްޓަރު އުފެއްދުމުގެ ކާރުޚާނާތަކެއް އިންޑިޔާގައި ބިނާކުރަންވެސް އިންޑިޔާ ބޭނުންވެއެވެ. އިންޑިޔާއަކީ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މުޅި ދުނިޔެއިންވެސް އެންމެ ގިނަ އިން ހަތިޔާރަށް ޚަރަދުކޮށްފައިޥާ ގައުމެވެ.
ފަގީރުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑިޔާއިން ހަތިޔާރު ގަތުމަށާއި އިންޑިޔާގައި ހަތިޔާރުގެ ފެކްޓަރީ ތައް ބިނާކުރުމަށް މިދިޔަ އަހަރު އެކަނިވެސް 91 ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ ދުނިޔޭގެ މުއްސަނދި ގައުމުތައް ކަމަށްވާ ސައޫދީ އަރަބިޔާއިންވެސް ކޮށްފައިނުވާފަދަ ބޮޑު ޚަރަދެކެވެ. މިހާބޮޑު އަދަދެއް މޯދީގެ ސަރުކާރުން ހަތިޔާރަށް ކުރަމުންގެންދާތީ އިންޑިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ އެކަމަށް ފާޑުކިޔާފައެވެ.
އިންޑިޔާއަކީ ރަޝިޔާގެ ހަތިޔާރަށް ކުރިން ބަރޯސާވި ގައުމެއް ނަމަވެސް މިހާރު އިންޑިޔާ ވަނީ އެމެރިކާއާއި ފަރަންސޭސިވިލާތުންވެސް ހަތިޔާރު ގަންނަން ފަށާފައެވެ. މިއާއެކު ރަޝިޔާގެ ހަތިޔާރުވެސް އިންޑިޔާއިން ދުލެއް ނުކުރެއެވެ.
ބްރިކްސްގެ ގައުމުތަކުގެ ލީޑަރުންގެ ސަމިޓް ކުރިޔަށްދަނީ އިންޑިޔާގެ ގޯވާގެ ރެސޯޓެއްގައެވެ. ބްރިކްސް ޖަމާއަތުގައި ހިމެނެނީ އިގްތިސާދީގޮތުން ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ ފަސް ގައުމެވެ. އެއީ ޗައިނާއާއި އިންޑިޔާގެ އިތުރުން ޗައިނާއާއި ރަޝިޔާއާއި ދެކުނު އެފްރިކާއާއި ބްރަޒިލެވެ.
މިގައުމުތަކުގެ އިސްވެރިން މިހާރު ތިއްބެވީ ގޯވާގައެވެ. އިންޑިޔާގެ ބޮޑުވަޒީރު ގެންދަވަނީ ސަމިޓްގެ އަރިމަތީގައި މި ގައުމުތަކުގެ އިސްވެރިންނާ ވަކިވަކިން ބައްދަލުކުރައްވަމުންނެވެ. (އެޖެންސީ ފްރާންސް ޕްރެސް)