ވޮޝިންޓަން (އޮކްޓޯބަރު 16): މިދިޔަ އާދިއްތަ ދުވަހު އޮތް ރިޔާސީ ބަހުސުގައި ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަން ހުންނެވީ މަސްތުވެގެން ކަމަށް ތުހުމަތު ކުރައްވައި، ކުރިއަށް އޮތް ބަހުސް ބޭއްވުމުގެ ކުރިން ހިލަރީ މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމަށް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި ބަހުސް ފެއްޓި އިރު ހިލަރީ ހުންނެވީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް ބަހުސް ނިމުނު އިރު އޭނާގެ "ކާރާ ހަމައަށް ވެސް ވަޑައިގެންނެވުނީ ކިރިޔާ" އެވެ. އެހެންކަމުން އަންނަ ބުދަ ދުވަހު އޮތް ބަހުސްގެ ކުރިން ދެ ބޭފުޅުންވެސް މަސްތުވާތަކެއްޗަށް ޓެސްޓު ކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެއްވެސް ހެއްކަކާ ނުލައި ހިލަރީއާ ދެކޮޅަށް ޓްރަމްޕް އެ ތުހުމަތުތައް ކުރައްވާފައި ވަނީ އޭނާ އަންހެނުންނާ ބެހޭ ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ދައްކަވާފައިވާ ވީޑިއޯއެއް ލީކުކޮށްލާފައި ވަނިކޮށެވެ. އެ ވީޑިއޯއަށް ފަހު ޓްރަމްޕްގެ ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކަމަށް ބުނާ ގިނަ އަދަދެއްގެ އަންހެނުން ވަނީ އެ މީހުންގެ ވާހަކަތައް މީޑިއާއާ ހިއްސާކޮށްފަ އެވެ.

ޓްރަމްޕް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އަދި އެއީ ހިލަރީއަށް ވޯޓު ހޯދުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެ ވީޑިއޯއަށް ފަހު ޓްރަމްޕަށް ތާއިދު ކުރާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ. އެގޮތުން ގިނަ ވޯޓުތަކުން ދައްކާ ގޮތުގައި ހިލަރީ ވަނީ ޓްރަމްޕަށް ވުރެ ނުވަ ޕަސެންޓު ކުރިއަށް ޖެހިލާފަ އެވެ. (ބީބީސީ)