ދ. ބަނޑިދޫގައި ހުންނަ އެ ރަށު ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު މައިޝާ މުފީދު ހޯދައިފި އެވެ.

މިދިޔަ އަހަރު ސްކޫލުގެ ކެޕްޓަންކަން ވެސް ކުރި މައިޝާ ވަނީ މިދިޔަ އަހަރު ސްކޫލުން ދޭ ހުރިހާ އެކެޑަމިކް އެވޯޑަކާއެކު މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ ނުވަ ވަނާގައި ހިމެނިފަ އެވެ.

ގްރޭޑް ނުވައެއްގައި ކިޔަވަމުން ދަނިކޮށް ބައްޕަ ނިޔާވުމާ ގުޅިގެން ދިމާވި ގޮންޖެހުންތަކަކާ އެކު ވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ، މައިޝާ މިހާރު ކިޔަވަމުންދަނީ ސީއެޗްއެސްސީގެ ގްރޭޑް 11ގައެވެ.

ދ. ބަނޑިދޫ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެވޯޑް ލިބުނު ދަރިވަރަކަށް އައިޝަތު ރަފިއްޔާ އެވޯޑް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ސިމާއު

ބަނޑިދޫ ސްކޫލުގައި ރޭ ބޭއްވި އެ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މައިޝާއަށް އެވޯޑުތައް ހަވާލުކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި ސަން ފައުންޑޭޝަންގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދެވެ.

ތައުލީމުގެ އުނގެނުމުގައި ކިތަންމެ މައްޗަށް ދާން ބޭނުންވި ނަމަވެސް، އެ ފުރުސަތު މައިޝާއަށް ހޯދައިދޭނެ ކަމުގެ ޔަގީންކަން ސިޔާމް ވަނީ ރޭގެ ރަސްމިއްޔާތުގައި މައިޝާގެ އާއިލާއަށް އަރުވާފަ އެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ، މިއަދުގެ ދަރިވަރުންނަކީ މާދަމާ ގައުމު އާރާސްތުކުރަން ތިބި ކުދިންކަމަށް އިޝާރާތްކުރައްވައި ތައުލީމު ހާސިލްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި ނުގުޑާ ފަދަ އަޒުމެއްގައި ތިބުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވި އެވެ.

ދ. ބަނޑިދޫ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފްވެރި މެހެމާން ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ އައްސަދު

ސިޔާމް ވިދާޅުވީ، އުފާވެރި މުޖުތަމައުއެއް އަންނަނީ ކިޔަވައިގެން ތަޖުރިބާ ހޯދައިގެން ކަމަށާއި އެ ތައުލީމާއު ހުނަރު ބޭނުން ކުރާނީ ކިހިނަކުންތީ އަބަދުވެސް ވިސަންނަންޖެހޭ ކަމަށެވެ. އަދި އިންސާނުންނަކީ ގުޅިފައިވާ ތިބި ބަޔަކަށްވާއިރު، އެކަކަށް ދަސްނުވެ ހުރި އެއްޗެއް އަނެކަކަށް ދަސްކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ބެލެނިވެރިންނަށް އިޝާރާތް ކުރައްވައި ސިޔާމް ވަނީ ކުޑަކުދިން ކުރިމަތީގައި ގޯސް އަމަލުތަކާއި އާދަތައް ދެއްކުމަކީ ނުރަނގަޅު ކަމެއް ކަމަށް ވިދާޅުވެ، ބެލެނިވެރިންގެ އުފަލަކަށްވާން ދަރިން ހަދަން ބޭނުންނަމަ ބެލެނިވެރިންނަކީ ކުދިންނަށް ހުރި ރަނގަޅު މިސާލަކަށްވާންޖެހޭ ކަމަށް އިޝާރާތްކުރައްވާފަ އެވެ.

ފައުންޑޭޝަނުން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދެމުން އަންނަ ބަނޑިދޫ ސްކޫލުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 14 ކުއްޖަކު ބައިވެރިވެ، ހަތް ކުއްޖަކު ވަނީ ފަސް މާއްދާއިން ފާސްވެފަ އެވެ.

އަދި ސްމާޓް ސްކޫލަކަށް ހެދުމުގެ އަޒުމުގައި މަސައްކަތްކުރަމުންދާ ބަނޑިދޫ ސްކޫލުގައި ކުރިއަށްދާ ދަސްވާރު ޕްރޮގްރާމާއެކު އެ ސްކޫލުން ވަނީ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވި ނިސްބަތް 63 ޕަސެންޓް ހާސިލް ކޮށްފަ އެވެ.