16 Oct 2016, 09:11
ޔޫތް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗު ޕެނަލްޓީ ޖަހައިގެން 6-4ގެ ނަތީޖާ އަކުން ޓީސީގެ މައްޗަށް ކްލަބް އީގަލްސް އިން ކުރި ހޯދައި ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު އެ މެޗުގެ 90 މިނެޓް ނިމުނީ ދެ ޓީމް ވެސް 1-1ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މެޗުގެ 36 ވަނަ މިނެޓްގައި އީގަލްސްގެ ހަމްދާން އަބްދުލް ސައްތާރު ލީޑު ނަގާފައިވަނިކޮށް ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 88 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އައިމަން ތައުފީގެވެ.
ފައިނަލްގެ ސީދާ ޖާގައެއް އީގަލްސްއިން ހޯދީ ފަސް ޕެނަލްޓީވެސް ކާމިޔާބްކޮށްގެންނެވެ. ޓީސީ އަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީއެވެ.
ސެމީ ފައިނަލްގެ ދެ ވަނަ މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ކާމިޔާބު ކުރީ 1-0ގެ ނަތީޖާ އަކުން ވެލެންސިއާ ބަލިކޮށްގެންނެވެ. އެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 17 ވަނަ މިނެޓްގައި މާޒިޔާއަށް ކާމިޔާބްކޮށްދިނީ މުހައްމަދު އިންޝާލް އެވެ.
ފައިނަލްގެ ފަހު ޖާގަ ލިބޭނީ އަންނަ ބުދަ ދުވަހު ހަވީރު މާޒިޔާ އާއި ފުރަތަމަ ސެމީން ބަލިވި ޓީސީއާ ކުޅެ މޮޅުވާ ޓީމަކަށެވެ.