15 Oct 2016, 23:39
އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު ލިއޮނަލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖަހާފައި ވާއިރު، ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ޑިޕޯޓިވޯ ލަކަރޫނާ އަތުން މޮޅުވެއްޖެއެވެ.
ސެޕްޓެމްބަރު 21 ވަނަ ދުވަހު، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި، އާޖެންޓީނާގެ ސުޕަރސްޓަރ މެސީގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ތިން ހަފްތާ ވަންދެން އޭނާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. މިރޭ ޑިޕޯޓިވޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި، ކުޅެން އެރިތާ 5 މިނިޓްތެރޭގައި މެސީ ވަނީ ލަނޑު ޖަހައިފައެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމުން ވަނީ 3 ލަނޑުގެ ލީޑެއް ނަގައިފައެވެ. އެޓީމުގެ ފުރަތަމަ ދެ ލަނޑު، މެޗުގެ 21 ވަނަ މިނިޓާއި 36 ވަނަ މިނިޓްގައި ބްރެޒިލް މިޑްފީލްޑަރު ރަފީނިއާ ކާމިޔާބުކޮށް ދިންއިރު އެޓީމުގެ ތިން ވަނަ ލަނޑު 43 ވަނަ މިނިޓްގައި ޖަހައި ދިނީ ލުއިސް ސުއަރޭޒެވެ. ބާސާގެ ފަހު ލަނޑު މެސީ ކާމިޔާބުކުރީ 58 ވަނަ މިނިޓްގައެވެ.

މެސީ އަނިޔާގައި ހުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހަނީ -- ފޮޓޯ: ބީބީސީ
މެޗުގެ 65 ވަނަ މިނިޓްގައި ބާސާގެ ނޭމާއަށް ޑިޕޯޓިވޯގެ ލައުރީ ސަނަބްރިއާ ރުއިޒް ކުރި ނުރައްކާތެރި ފައުލަކާއެކު ރެފްރީ އޭނާއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެން ޑިޕޯޓިވޯއިން ފަހުހާފުގެ ބޮޑުބައެއް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި ނަތީޖާއާ އެކު، ބާސާއަށް ވަނީ 8 މެޗުން 16 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނަ ލިބިފައެވެ. އަށް މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު، 17 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ސެވިއްޔާއެވެ.
މެސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މިއީ ޗެމްޕިއަންސް ލީގުގައި ބާސާއިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް، އަންނަ ހަފްތާގައި ކުރިމަތިލާން ޖެހޭއިރު ކޯޗް ލުއިސް އެންރީކޭއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.
ޗެމްޕިއަންސް ލީގުގައި ބާސާއާ ވާދަކުރުމަށް މެންޗެސްޓާ ސިޓީ ސްޕެއިނަށް އަންނައިރު، މިއީ ބާސާގެ ކުރީގެ ކޯޗު އަދި މިހާރު ސިޓީގެ ކޯޗު ޕެޕްގާޑިއޮލާއަށް ވަރަށް ހާއްސަ މެޗަކަށް ވެގެންދާނެއެވެ.