16 Oct 2016, 00:05
ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބްދުﷲ ހިމެނޭ ގޮތަށް ޕީޕީއެމްގެ ތިން މެމްބަރަކު ވަކިކުރަން ރައީސް މައުމޫނު އަބްދުލްގައްޔޫމްއަށް ނުނިންމޭނެ ކަމަށާއި އެއީ ހުދުމުހުތާދު އަސާސީ ގަވާއިދާ ހިލާފު ބާތިލު ނިންމެވުމެއް ކަމަށް ޕީޕީއެމް ޔޫތު ކައުންސިލުން ބުނެފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫނު މިއަދު ވަނީ އެޕާޓީގެ ތިން މެމްބަރަކު ޕާޓީގެ އެކި މަގާމުތަކުން ވަކިކޮށްފަ އެވެ. އޭގެތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސް އިބްރާހިމް ޔޫސުފުފުޅާއި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ނިއު ޕޯޓުގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު ވަނީ އެބޭފުޅުންގެ މަގާމުތަކުން ދުރުކޮށް އެކަން އަންގަވާފަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ ޔޫތު ކައުންސިލުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިބްރާހިމް ޔޫސުފުފުޅު ވިދާޅުވީ އޭނާ ޔޫތު ކައުންސިލުގެ ރައީސް ކަމުން ވަކިވި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އޭނާ ވަކިކުރުމުގެ ބާރު ރައީސް މައުމޫނަށް ނެތް ކަމަށާއި ވަކިކުރާނަމަ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އަދި ޕީޕީއެމް ޔޫތު ކައުންސިލުގެ މެމްބަރު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ދެން ހެދިފައި ހުރި ގަވާއިދުތަކާ ހިލާފަށް "މަތިން ފައިބައި ހުރި މީހަކު ނިންމުމެއް ނިންމި ނަމަވެސް އެއީ ބާތިލް ނިންމުމެއް" ކަމަށެވެ.
އެހެންކަމުން ޕީޕީއެމްގެ ނައިބު ރައީސަކީ އަދިވެސް އަބްދުއްރަހީމް ކަމަށާއި ޔޫތު ކައުންސިލުގެ ރައީސަކީ އިބްރާހިމް ޔޫސުފުފުޅު ކަމަށާއި ކައުންސިލު މެމްބަރެއްގެ ގޮތުގައި ޒާހިދުވެސް ހިމެނޭނެ ކަމަށް މުއާޒް ވިދާޅުވި އެވެ.
"ޔޫތު ކައުންސިލުގެ ރައީސް އުމުރު ހަމަވެގެން މަގާމުން ވަކިކުރީ ކަމަށް ވިދާޅުވާއިރު، މަގާމުގައި ހުއްޓައި އުމުރު ހަމަވެގެން ކަންކުރަންޖެހޭ ގޮތެއް ނެތް ބަޔާންކޮށްފަ އެއް އަސާސީ ގަވާއިދުގައި. އެހެންވީމަ ދެން ޖެހޭނީ ގައުމީ ޖަލްސާއެއް ބާއްވައިގެން ގޮތެއް ނިންމަން. އަޅުގަނޑުމެން ޔޫތު ކައުންސިލުން ގޮވާލަން ވީހާވެސް އަވަހަކަށް ގައުމީ ޖަލްސާއެއް ބާއްވަން" މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ އިއްޔެ ބޭއްވި ޔޫތު ކައުންސިލުގެ ބައްދަލުވުމުގައި މަގާމުތަކުން ވަކިކުރިކަމަށް ބުނި ފަރާތްތައް ވަކިނުވާކަމަށް މެމްބަރުންގެ ވޯޓަކުން ފާސްކޮށްފައިވާ ކަމަށެވެ.
ޕީޕީއެމް ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުން ތަކެއް އުފެދި ދެ ފެކްޝަނަކަށް މަސައްކަތްތަކެއް ކުރަން މިހާރު ވަނީ ފަށާފަ އެވެ. އަދި ޕީޕީއެމްގެ ދެ މެމްބަރަކު ރައީސް މައުމޫނު ޕީޕީއެމްގެ ރައީސް ކަމުން ވަކިކުރުމުގެ މައްސައެއް ވަނީ ކޯޓަށްވެސް ހުށަހަޅާފަ އެވެ.