16 Oct 2016, 00:00
މިސަރުކާރުން ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން، މި ދައުރު ނިމުމުގެ ކުރިން ހުޅުމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސް (ކުޅިވަރު އެކުވެނި) އެއް އެޅުމުގެ މަސަތްކަތްފަށައި ނިންމުމަށް އުންމީދު ކުރައްވާކަމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިރުތިޝާމް އެހެން ވިދާޅުވެފައި ވަނީ، ގަތަރުގެ އިންވެސްޓްމެންޓް އޮތީރިޓީގެ ސީއީއޯ، އަދި ޤަތަރުގެ ސުޕްރީމް ކައުންސިލް އޮފް އިކޮނޮމިކް އެފެއާސް އެންޑް އިންވެސްޓްމެންޓުގެ މެމްބަރު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލް ޘާނީއަށް އަލްވަދާއު ދެންނެވުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ކުޑަ ޚަފްލާއަކަށް ފަހު ވާހަކަފުޅު ދައްކަވަމުންވެ.
"މި ސަރުކާރުގެ ޔޫތު މެނިފިސްޓޯ ތަންފީޒުކުރުމަށް ޔޫތު މިނިސްޓްރީން ކުރާ މަސަތްކަތްތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ އެންޓިޓީސްއެއް ގުޅިގެން ކުރެވޭ މަސަތްކަތްތަކަކީ ކުރިއަށް އޮތްތާނގައި ރާއްޖޭގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކުރުން،" އިރުތިޝާމް ވިދާޅުވިއެވެ.
ޝެއިޚް އަބްދުﷲ ފުރާވަޑައިތުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއއާޕޯޓް އަށް ވަޑައިގަތުމުން މިނިސްޓަރު އިރުތިޝާމް މަރުހަބާ ދަންނަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އިރުތިޝާމް ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސް އެޅިގެން ދާނީ ހުޅުމާލޭގައި ކަމަށާއި ގަތަރުން ރާއްޖޭގައި އަޅައިދޭން އެއްބަސްވެފައިވާ ޒަމާނީ ފުޓްބޯޅަ ސްޓޭޑިއަމް ވެސް، ޖާގައިގެ ދަތިކަމާއި ހެދި އެޅުމަށް ނިންމާފައިވަނީ ވެރިރަށް މާލޭގެ ބަދަލުގައި ޒުވާނުންގެ ސިޓީ، ހުޅުމާލޭގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ދައުރުގައި އެ މަސަތްކަތް (ކުޅިވަރު އެކުވެނީގެ މަސައްކަތް) ފަށައިގެން ނިމޭނެ ކަމަށް އުންމީދު ކުރަނީ،" އިރުތިޝާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުޅިވަރު އެކުވެންޏާ އެކު ރާއްޖޭގެ ކުޅިވަރު އެތުލީޓުންނަށް ޒަމާނީ ފެންވަރުގެ ކުޅިވަރު ވަސީލަތްތަށް ލިބިގެންދާނެ ކަމަށެވެ.
ގަތަރުން ރާއްޖޭގައި އަޅައިދޭން އެއްބަސްވެފައިވާ ސްޓޭޑިއަމަކީ އެގައުމުގެ އަމީރު ހަމަދް ބިން ޚަލީފާ އަލް ސާނީގެ ހަދިޔާއެއް ކަމަށް ވެސް އިރުތިޝާމް ވިދާޅުވިއެވެ.
"ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ސްޓޭޑިއަމެއް އަޅައިދޭން ގަތަރުގެ އަމީރު ނިންމެވީ މި ސަރުކާރުން ޒުވާނުންނާއި ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ކުރަށްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން،" އިރުތިޝާމް ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ، ރާއްޖޭގައި ޒަމާނީ ފެންވަރެއްގެ ސްޓޭޑިއަމެއް އެޅުމަށް މީގެ ކުރިން ވާނީ ޑިޒައިންތަށް ވެސް ނިންމާފައި ކަމަށާއި އެ ކުރެހުމަށް ބިނާކޮށް މަސަތްކަތްތަށް ފެށިގެންދާނެ ކަމަށެވެ.