08 Jun 2011, 17:59
ފަރަންސޭސި ބަހާއި ފަރަންސޭސި ޝަގާފަތާއި އާދަކާދަ ދުނިޔޭގައި ކުރިއެރުވުމަށް މަސައްކަތްކުރާ ފްރާންސްގެ ޖަމާއަތެއް ކަމުގައިވާ އަލިއޯންސް ފްއޮންސޭޒްގެ މާލޭ ގޮފީގެ އޮފީސް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ އިފްތިތާހުކޮށްދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޤައުމީ ކުތުބުހާނާ ހުންނަ އިމާރާތުގައި ޤާއިމް ކުރެވިފައިވާ އެ އޮފީސް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން، އެކަމަށް ޓަކައި ޤައުމީ ކުތުބުހާނާގައި ރޭ ބޭއްވި ހަފްލާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފަރަންސޭސިވިލާތުގެ ގުޅުން ފެށިގެން ގޮސްފައިވަނީ، 1700ގެ އަހަރުތަކުގެ ތެރޭގައިކަން ފާހަގަކުރައްވައި، އެ ދުވަސްވަރު މަލާބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެވުނު މަސައްކަތުގައި، ފަރަންސޭސިންގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވާކަން ތާރީހުން ފެންނަން އެބައޮތް ކަމުގައި ވިދާޅުވި ކަމަށެވެ.
އެދުވަސްވަރުން ފެށިގެން ރާއްޖެއާއި ފަރަންސޭސި ރައްޔިތުންނާ ދެމެދު ގުޅުން އުފެދި ކުރިއަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން ރާއްޖޭގެ ގިނަ މީހުން، ފަރަންސޭސި ބަހުން ވާހަކަ ދައްކާ، ލިޔެކިޔަން ފެށުމުން، ފަރަންސޭސި ލައިބްރަރީތަކުގައި ހުރި ރާއްޖެއާއި ފަރަންސޭސިވިލާތާ ދެގައުމުގެ ދެމެދުގައި ހިނގާފައިހުރި މުއާމަލާތްތަކުގެ ރެކޯޑްތައް ފެނި، އެކަންކަމުގެ މައުލޫމާތުތައް ރާއްޖޭގައި ލިބުން އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރަސީ ތައާރުފް ކުރެވުމާ ގުޅިގެން، ރާއްޖެއިން އާ ސަފްހާއެއް ފަށާފައިވާ ކަމަށާއި، ރާއްޖެއިން ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަށް ލިބިފައިވާ ޑިމޮކްރަސީއާއި، މިނިވަންކަން ހިއްސާކުރާ ދުނިޔޭގެ އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް، ގިނަ ދިވެހިން މިހާރު އިސްކަންދޭން ފަށާފައިވާ ކަމުގައި ވިދާޅުވި އެވެ.
އޭގެއިތުރުން، ރާއްޖޭގެ ތަރައްގީއަށް ފަރަންސޭސިވިލާތުން ފޯރުކޮށްދިން އެހީގެ ދަށުން ރާއްޖޭގެ ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރެއްވުމުގެ އަމަލީ މަސައްކަތް މިއަދު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ފަރަންސޭސިވިލާތުން ރާއްޖެއަށް ދޭ އެހީގެ ދަށުން، ދެރަށެއްގެ ބަނދަރު ހަދައި، ދެރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެ ހަފްލާގައި، ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކްރިސްޓީން ރުބިޝޯންއާއި، ރާއްޖެއަށް މިހާރު ޒިޔާރަތް ކުރަމުންގެންދާ ފަރަންސޭސި ނޭވީގެ ދެމަނަވަރުގެ ކެޕްޓަނުންނާއި، ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭގެ އެ ހަފްލާއަށްފަހު، އަލިއޯންސް ފްއޮންސޭޒްގެ މާލޭ ގޮފީގެ ފަރާތުން އިންތިޒާމް ކުރެއްވި ފަރަންސޭސި ފިލްމަތަކުގެ ފެސްޓިވަލެއް ފެށިގެންދިއަ އެވެ. އެއީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަރަންސޭސި ފިލްމް ފެސްޓިވަލެވެ.
1833 ގައި ފަރަންސޭސި ވިލާތުގެ ޕެރިހުގައި އުފެދުނު އަލިއޯންސް ފްޣޮންސޭޒްގެ މައިގަނޑު މަސައްކަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަރަންސޭސި ބަސް ކިޔަވައިދިނުމާއި ފަރަންސޭސި ބަސް ކުރިއެރުވުމެވެ.