ހުސްވެފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް އެންމެ ފަހުން ވެސް އެމަގާމްގައި ހުންނެވި އަހުމަދު ތޯރިގް (ޓޮމް) ގެނައުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ތާއިދު ކޮށްފިއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބުއެއް ކްލަބުން ޓޮމް އަށް ތާއިދު ކުރަން ނިންމާފައި މި ވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެކުލަބުގެ އެކެސްކޯ ބައްދަލުވުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ހަ މެމްބަރުން ވެސް ވަނީ ޓޮމްއަށް ތާއުދު ދޭން ފެންނަކަމަށް ވޯޓު ދެއްވާފައެވެ.

ރައްޔިތުންގެ މަޖުލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޓޮމް ވަނީ މިއަހަރު ކުރީ ކޮޅުގައި ބޭއްވި އެފްއޭއެމްގެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްފައެވެ. ޓޮމްގެ މަގާމް ގެއްލުނީ އެފްއޭއެމްގެ ޖެނަރަލް ސެކްރެޓްރީގެ މަގާމުން ބައްސާމް އަދީލް ޖަލީލް ވަކިކުރުމާއެކު އެކްސޯގައި ހިމެނިވަޑައިގެންނަވާ ފަސް މެމްބަރުން އެއް ފަހަރާ އިސްތިއުފާ ދިނުމުންނެވެ.

ބައްސާމް މަގާމުން ވަކިކުރި ކަމުގެ މައްސަލަ ފީފާ އަށް ވެސް ހުށަހެޅިގެންދިޔަ އެވެ. ބައްސާމް މަގާމުން ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ފީފާ އިން އެފްއޭއެމް އަށް އަންގާފައިވަނީ އަލުން ބައްސާމް އަށް މަގާމު ދިނުމަށެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފައިވާ އެފްއޭއެމްގެ އިންތިހާބަށް މިހާތަނަށް ކުރިމަތިލާފައިވަނީ ބައްސާމް އެކަންޏެވެ. ރައީސްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މާދަމާއެވެ.

ވިކްޓްރީން ބުނީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ޓޮމް ވާދަކުރައްވާނެ ކަމުގެ ޔަގީންކަން އަދި އެކަލަބަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ވިކްޓަރީއާ އެކު އެއްވަނަ ޑިވިޝަންގައި ހިމެނޭ އިތުރު ފަސް ކުލަބަކުން ވެސް ޓޮމް އަށް ތާއީދު ކުރާނެ ކަމަގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ކްލަބުން ބުންޏެވެ.