އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރު ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރި މައްސަލާގައި 2012 ވަނަ އަހަރު ކުރި ދައުވާ އަނބުރާ ގެންދިއުމަށްފަހު މިދިޔަ މަހު އަނެއްކާވެސް ދައުވާކުރަން ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރކަންވެސް ކުރައްވާފައިވާ ހާމިދުގެ މައްޗަށް ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި ކަމުގެ ދައުވާ 2012 ވަނަ އަހަރު އުފުލާފައިވަނީ މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހޮނޑައިދޫއިން ހައްޔަރު ކުރުމުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރީ ކަމަށް ބުނެ އެވެ.

އެމައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލާފައި ވަނިކޮށް ޕީޖީއިން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މިދިއަ މަހުގެ 18 ވަނަ ދުވަހު އަލުން އެމައްސަލަ ޕީޖީއިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު މައްސަލާގެ އަޑުއެހުމެއް މާދަމާގެ 13:30 ހަށް ވަނީ ތާވަލުކޮށްފަ އެވެ. ނަމަވެސް އެނގިފައިވާގޮތުން ހާމިދު ރާއްޖޭގައި ނޫޅުއްވަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތު ކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗިހި ޓެސްޓްޓު ކުރުމަށްޓަކައި، ކުޑަކަމުދާ އެއްޗިހި ދިނުމަށް އެ ގާނޫނުގެ 161 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން، ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރާ މީހާ އެކުރަނީ ކުށެއްކަމަށެވެ.

އަދި އެމާއްދާގެ (ށ)ގައި ބުނަނީ އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށް ލުންކަމަށެވެ.