15 Oct 2016, 18:44
ލަކްނޯ (އޮކްޓޯބަރު 15): އިންޑިއާގެ ވަރަނާސީ ސިޓީ ކައިރީ އޮންނަ ރާޖުގަތު ބުރިޖު ހުރަސް ކުރަން އުޅުމުގެ ތެރޭގައި ތޮއް ޖެހުމުގެ ސަބަބުން 19 މީހަކު މަރުވެ، 25 މީހަކަށް އަނިޔާވެއްޖެ އެވެ.
އެހާދިސާ ހިނގާފައި ވަނީ ހިންދޫ ދީނީ ލީޑަރެއް ކަމަށްވާ ޖައި ގުރުދޭވްއަށް ތަބާވާ އެތައް ހާސް ބަޔަކު ގަންގާ ކޯރު ކައިރީގައި އޮތް ދީނީ ކޭމްޕަކަށް ދިޔުމަށްޓަކައި ވަރަނާސީ އާއި ޗަންދޯލީއާ ދެމެދު އޮންނަ ރާޖުގަތު ބުރިޖު ހުރަސް ކުރަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަނިޔާވި ފަރާތްތަކަށް 50،000 ރުޕީސްގެ ބަދަލު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އެހާދިސާ ހިނގަން މެދުވެރި ސަބަބު ބަލަން ތަހުގީގެއް ފަށާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ދީނީ ހަފްލާތަކުގައި މާކުޑަ ސަރަހައްދުތަކަށް ގިނަ ބަޔަކު އެއްވެ، ތޮއް ޖެހުމުގެ ހާދިސާތައް ހިނގުމުގެ ސަބަބުން ގިނަ ބަޔަކު މަރުވުމަކީ އާއްމު ކަމެކެވެ. ދެހާސްތޭރަ ވަނަ އަހަރު މަދުޔަ ޕްރަދޭޝްގައި ހިނގި އެފަދަ ހާދިސާއެއްގައި 110 މީހަކު މަރުވެފައިވެ އެވެ. (ޓައިމްސްއޮފްއިންޑިއާ)