15 Oct 2016, 18:21
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޕީޕީއެމް އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ޓިކެޓަށް އެދުމުގެ ފުރުސަތު މިމަހުގެ 23 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށާއި އެ އިންތިހާބަށް ކުރިމަތި ލުމަށް އެދޭ ފޯމް ޕީޕީއެމްގެ އޮފީހުންނާއި، އެ ޕާޓީގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅޭނީ މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެއްވެސް ކައުންސިލަކަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާނަމަ އެ ދާއިރާއަކުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެވޭނެ ފަރާތެއް ކަނޑައަޅާނީ އެ ދާއިރާއަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ޕާޓީގެ ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް އެކަނި ކަމަށެވެ. ޕްރައިމަރީ ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޕްރައިމަރީ އިންތިހާބުގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ، އިންތިޚާބު ކޮމިޓީން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ޕީޕީއެމުން ބުނީ އެ އޮފީހަށް ފޯމް ހުށަހެޅުމަށްފަހު އެ ހުށަހަޅާ ބޭފުޅަކު ބޭނުން ވެގެން ފޯމް އަނބުރައި ނަަގައިފި ނަމަ އެ ފަރާތަކަށް ޕާޓީގެ ޓިކެޓުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.