15 Oct 2016, 16:31
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 2.5 މިލިއަން ރުފިޔާ ދައްކައިފި އެވެ.
ޑީއާރްޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) މިއަދު ސަން އަށް ވިދާޅުވީ މިއަދު ދައްކާ ހަލާސްކުރި 2.5 މިލިއަން ރުފިޔާއަކީ އެ ޕާޓީން 2008 ވަނަ އަހަރުގެ އިންތިހާބަށް ކުރި ހަރަދުތަކެއް ކަމަށެވެ.
އެ ފައިސާއަކީ ކޯޓުން ބޭރުން ހައްލުކުރި މައްސަލައެއް ކަމަށް ކާނަލް ވިދާޅުވި އެވެ.
ހަ މިލިއަން ވަރަކަށް ރުފިޔާ ނުދެއްކިވާއިރު އެ ފައިސާ ވެސް ކުރިއަށް އޮތްތަނުގައި ދެއްކޭނެ ކަމަށާއި އޭގެން ގިނަ މައްސަލަތައް އޮތީ ކޯޓުގައި ކަމަށް ކާނަލް ވިދާޅުވިއެވެ.
ޑީއާރްޕީއާއި މިހާރުގެ ލީޑާޝިޕް ހަވާލުވެފައިވާއިރު އެ ޕާޓި ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ. އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ 2008 ގެ އިންތިހާބުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮވުމަށެވެ.
ޑީއާރްޕީ ބައިބައިވެ ރައީސް މައުމޫން ޕީޕީއެމް އުފައްދަވައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޑީއާރުޕީ އާއި ފަހުން ހަވާލުވެލެއްވި ތަސްމީން އަލީ މިހާރު ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފަ އެވެ.