ފިލިޕީންސްގެ ވެރިކަމަށް މިދިޔަ މޭ މަހު އިންތިހާބުވި ރޮޑްރީގޯ ޑުޓާޓޭއަށް ޓައިމްސް މެގަޒިން އިން އޭނާ އަށް ދީފައި ވަނީ 'ދި ޕަނިޝާ'ގެ ނަމެވެ. ކޮމިކް ފޮތްތަކާ ރައްޓެހި ފަރާތްތަކަށް އެނގިފައި ވާނެ ފަދައިން ޕަނިޝާ އަކީ ކުށް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ ހިޔާލީ ކެރެކްޓާއެކެވެ. ނަމަވެސް ކުށް ކުރުން ހުއްޓުވުމަށްޓަކައި އޭނާއަކީ މީހުންނަށް އަނިޔާ ކުރުމަށް ނުވަތަ މެރުމަށްވެސް ފަސް ޖެހޭ މީހެއް ނޫނެވެ. ހިޔާލީ ދުނިޔެއެއްގައި ޕަނިޝާއަކީ 'ހީރޯ'އެއްގެ ގޮތުގައި ދެކުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް ހަގީގީ ދުނިޔޭގައި އެފަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ސިފަ ކުރެވޭ ފަރާތަކާ މެދު، ހާއްސަކޮށް އެއީ ގައުމެއްގެ ވެރިއެއް ނަަމަ އާއްމުން އެފަރާތަކާ މެދު ދެކޭނީ ކިހިނެއްބާ އެވެ؟

ހަތްދިހައެއް އަހަރުގެ ޑުޓާޓޭ ސިޔާސީ މައިދާނުގައި ވިދާލީ 1988 ވަނަ އަހަރު ފިލިޕީންސުގެ ދެވަނަ އަށް އެންމެ ބޮޑު ރަށް ކަމަށްވާ މިންދަނާއޯގެ ދަވާއޯ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވި ހިސާބުންނެވެ. ދަވާއޯގެ މޭޔަރު ކަމުގައި އޭނާ ވަނީ ހަތް ދައުރު ފުރިހަމަ ކުރައްވާފައެވެ. އެ 22 އަހަރު ތެރޭގައި ޑުޓާޓޭ ވަނީ ދަވާއޯގެ އާއްމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ރޭގަނޑު އެކަކާއި ހެނދުނު އަށަކާ ދެމެދު ބަނގުރާ ވިއްކުމާއި ބުއިން މަނާކޮށް، ސިޓީ ތެރޭގައި އިންޖީނުލީ އުޅަނދު ދުއްވުން ހުއްދަ ސްޕީޑް ދަށް ކުރައްވާފައެވެ. ނަމަވެސް އޭނާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތް ކަމުގައި ދަވާއޯގެ ރައްޔިތުން ފާހަގަ ކުރަނީ ކުށް މަދު ކުރުމަށް ޑުޓާޓޭ ކުރެއްވި މަސައްކަތްތަކެވެ.

ދަވާއޯގެ އާއްމުން ދެކޭ ގޮތުގައި ޑުޓާޓޭ މޭޔަރުކަމަށް ވަޑައިގެންނެވި ފަހުން އެ ސިޓީގައި ކުށް ކުރުން ވަނީ އިންތިހާއަށް މަދުވެފައެވެ. އަދި ޚުދު، ޑުޓާޓޭ ވިދާޅުވި ގޮތުގައި 1985ގައި އޭނާ މޭޔަރު ކަމަށް ވަޑައިގެންނެވި އިރު ދަވާއޯގައި އޮތް ތިން ޑިޖިޓްގެ ކުށުގެ ރޭޓު ވަނީ 1999 އާއި 2005 އާ ދޭތެރޭގައި 0.8 ށް ތިރިވެފައެވެ.

ނަމަވެސް ފިލިޕީންސް ނެޝަނަލް ޕޮލިސް (ޕީއެންޕީ)ން އާއްމު ކުރި ތަފާސް ހިސާބުން ދެއްކި ގޮތުގައި 1999 އާއި 2008ކާ ދޭތެރޭގައި ދަވާއޯގައި ކުށް ކުރުން ވަނީ 248 ޕަސެންޓަށް އިތުރުވެފައެވެ. އެއީ އެސިޓީގެ އާބާދީ އިތުރުވި މިންވަރާ (29 ޕަސެންޓާ) އަޅައިބަލާ އިރު ވަރަށް މަތީ އަދަދެއް ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުންޏެވެ. އަދި 2010 އި 2015 ވަނަ އަހަރުގެ ކުށުގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ދަވާއޯއަކީ ފިލިޕީންސުގައި ހަތަރު ވަނައަށް އެންމެ ގިނައިން ކުށް ކުރާ، ދެވަނައަށް ރޭޕްގެ މައްސަލަތައް އެންމެ ގިނަ ސިޓީ އެވެ.

ދެހާސް ދިހަ ވަނަ އަހަރާއި 2013 ވަނަ އަހަރާ ދޭތެރޭ ޑުޓާޓޭ ހުންނެވީ ދަވާއޯގެ ވައިސް މޭޔަރުގެ ގޮތުގައެވެ. މޭޔަރުގެ މަގާމުގައި ހުންނެވީ އޭނާގެ ދަރިކަނބަލުން ސާރާ ޑުޓާޓޭ އެވެ. ނަމަވެސް އޭގެ ފަހުން 2013 ވަނަ އަހަރު ޑުޓާޓޭ އަނެއްކާވެސް މޭޔަރު ކަމާ ހަވާލުވެ ވަޑައިގެންނެވި އެވެ.

ޑުޓާޓޭ އަކީ ކުށް ކުރުން ހުއްޓުވުމަށް ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއް --

މީގެ އިތުރުން، ދަވާއޯގައި "ކުށްވެރިން" މެރުމަށް ހާއްސަވެފައިވާ ގުރޫޕެއް ކަމަށްވާ ދަވާއޯ ޑެތު ސްކޮޑާ ބެހޭ ގޮތުން ގިނަ ބައެއްގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ލަފާ ކުރާ ގޮތުގައި އެގުރުޕޫން ވަނީ 1999 އާއި 2008އާ ދޭތެރޭގައި 300 މީހުން މަރާލާފައެވެ. އޭގެ ތެރޭގައި އޮޅިގެން ނުވަތަ އެހެން މީހެއް ކަމަށް ހީކޮށް މަރާލާ މީހުންނާއި، މަންޒަރު ދުށުމުގެ ސަބަބުން މަރާލި މީހުންނާއި، ކުށްވެރިޔާއާ ގުޅުން ހުރުމުގެ ސަބަބުން މަރާލި މީހުން ހިމެނެ އެވެ.

އަދި ދެހާސްނުވަ ވަނަ އަހަރު ހިއުމަން ރައިޓްސް ވޮޗުން ނެރުނު ރިޕޯޓެއްގައި އެ ޖަމްއިއްޔާއިން ވަނީ ދަވާއޯ ޑެތު ސްކޮޑުން ހިންގާ މާރާމާރީތަކުގައި ފުލުހުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވާކަން އެ ޖަމްއިއްޔާގެ ތަހުގީގުތަކުން އެނގިގެންދާ ކަމަށް ބުނެފައެވެ. އަދި ދަވާއޯ ޑެތު ސްކޮޑް މިސާލަކަށް ބަލައިގެން އެހެން ބައެއް ސިޓީތަކުގައިވެސް ގާނޫނާ ހިލާފަށް ކުށްވެރިން މަރާ ގުރޫޕުތައް އުފެދިފައިވުމަކީ ކަންބޮޑުވާންވީ ކަމެއް ކަމަށް ރިޕޯޓުގައިވެ އެވެ.

ނަމަވެސް އެމައްސަލައިގައި އެންމެ ބޮޑު ކަންބޮޑުވުންތައް އުފެދިފައި ވަނީ އެގުރޫޕާއި ރައީސް ޑުޓާޓޭއާ ގުޅުން އޮތް ކަމުގެ ތުހުމަތުތަކާ ހެދި އެވެ. ދަވާއޯ ޑެތު ސްކޮޑުން އެތައް ބަޔަކު ފާޅުގައި މަރަމުން ދިޔަ ނަމަވެސް އެކަން ހުއްޓުވުމަށް ސިޓީގެ މޭޔަރު މަސައްކަތް ނުކުރެއްވުމުން ދޭހަ ވަނީ އެފަދަ އަމަލުތަކަށް މޭޔަރު ހިތްވަރު ދެއްވާ ކަން ކަމަށް ހިއުމަން ރައިޓްސް ވޮޗުން ވަނީ ބުނެފައެވެ. އާއްމު ގޮތެއްގައި ޑުޓާޓޭ އެފަދަ ތުހުމަތުތައް ދޮގު ކުރައްވައެވެ. ނަމަވެސް ބައެއް ފަހަރު އެގުރޫޕާއި އެހެން ނޫން ބައެއް މާރާމާރީއާ ގުޅުން އޮންނަ ކަމަށް އިއުތިރާފުވެ ވަޑައިގަންނަވައެވެ. އަދި އޭގެ ފަހުން އެއީ "ސަމާސާ" ކަމަށް ވިދާޅުވެ އެވެ.

ދަވައޯގެ މޭޔަރު ކަމުގައި ހުންނެވުމަށް ފަހު ޑުޓާޓެ ދެން ކުރިމަތލެއްވީ ގައުމުގެ ރައީސް ކަމަށެވެ. އަދި އޭނާ ވެރިކަމަށް އިންތިހާބުވެ ވަޑައިގަތީ 16,601,997 ވޯޓާ އެކު އެވެ. އެއީ އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި މަނުއެލް "މާ" ރޯހާސްއަށް ވުރެ 6.6 މިލިއަން އިތުރު ވޯޓާއެކު އެވެ.

ރޮޑްރީގޯ ޑުޓާޓޭ ފިލިޕީންސުގެ ރައީސް ކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: އީޕީއޭ

ދަވާއޯގެ މޭޔަރު ކަމުގައި ހުންނެވި އިރު ގެންގުޅުއްވި ސިޔާސަތާ އެއްގޮތަށް ގައުމު ހިންގެވުމުގައިވެސް ރައީސް ޑޫޓާޓޭ އެންމެ ބޮޑަށް އިސްކަން ދޭން ނިންމެވީ ގައުމުން ޖަރީމާތަކާއި މަސްތުވާތަކެތި ނައްތާލެއްވުމަށެވެ. އޭނާ ވަނީ ވެރިކަމަށް ވަޑައިގަންނަވާތާ ހަމަސް ތެރޭގައި ކުށާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ނިމުމަކަށް ގެންނަވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އަދި އެމަގުސަދު ހާސިލު ކުރުމަށްޓަކައި "10،000 މީހުން ނޫން 100،000" ކުށްވެރިންވެސް މަރާލާނެ ކަމުގެ އިންޒާރު ދެއްވި އެވެ. އަދި އެބަސްފުޅެކޭ އެއްގޮތަށް ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ ޑުޓާޓޭ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފައްޓަވާފައެވެ.

އެގޮތުން ޖޫން އެކެއްގައި ޑުޓާޓޭ ރައީސްކަމުގެ ހުވާ ކުރެއްވިތާ އެންމެ ތިން ދުވަސް ތެރޭގައި ފިލިޕީންސުގެ ފުލުހުން ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި 30 މީހަކު މަރާލާފައި ކަމަށް އަމިއްލައަށް ބުނެފައެވެ. އޭގެ ފަހުން، ޑުޓާޓޭގެ ވެރިކަމަށް ހަތަރު މަސް ވާން ގާތްވެފައި ވަނިކޮށް ފިލިޕީންސުން ގަވާއިދާ ހިލާފަށް މަރާލާފައިވާ މީހުންގެ އަދަދާ ބެހޭ ގޮތުން އެކި ފަރާތްތަކުން ރިޕޯޓުކޮށްފައި ވަނީ އެކި ގޮތްގޮތަށެވެ.

އޮގަސްޓް 23ގައި ޕީއެންޕީގެ ޗީފް ރޮނަލްޑް ޑެލަ ރޯޒާ ވިދާޅުވި ގޮތުގައި ފުލުހުންގެ އޮޕަރޭޝަންތަށް ޖުލައި އެކެއްގައި ފެށުނު ފަހުން، އެއޮޕަރޭޝަންތަކުގައި މަރުވި، މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ އަދަދު 756 އަށް އަރައެވެ. އަދި އެދުވަސްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 11،784 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ އިރު، 673،978 މީހަކު ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައި ކަމަށް ޑެލަ ރޯޒާ ވިދާޅުވި އެވެ.

އޭގެ ފަހުން، ފިލިޕީންސުގެ ފުލުހުންގެ ރިޕޯޓުތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކުރި ގޮތުގައި، ޑުޓާޓޭގެ ވެރިކަމުގެ ފުރަތަމަ 100 ވަރަކަށް ދުވަސް ތެރޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށްތުހުމަތު ކުރެވޭ 929 މީހަކު މަރާލާފައިވެ އެވެ. އަދި ކޮންބަޔެއްކަން ނޭނގޭ ބަޔަކު ވަނީ އިތުރު 1،507 މީހުން މަރާލާފައެވެ. އެހެންކަމުން މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށްތުހުމަތު ކުރެވިގެން މަރާލާފައިވާ މީހުންގެ އަދަދު 2،446 އަށް އަރާ ކަމަށް އަލްޖަޒީރާ އިން ބުނެ އެވެ.

އޭގެ ސަބަބުން އަމިއްލަ ގައުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ޑުޓާޓެއަށް ފާޑު ކިޔާ ފަރާތްތަކަށް، އެއީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ އަކަށްވީ ނަމަވެސް ނުވަތަ ދުނިޔޭގެ ބާރުގަދަ ލީޑަރަކަށްވީ ނަމަވެސް ޑުޓާޓޭ ދެއްވަނީ އެއް މެސަޖެކެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ ހަނގުރާމަ ކާމިޔާބު ވުމުގެ ކުރިން އެހަނގުރާމަ ނުހުއްޓަވާނެ ކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޑުޓާޓޭއަށް ބައިނަލްއަގުވާމީ ދުނިޔޭގެ ނުރުހުން އަމާޒުވި ނަމަވެސް، ފިލިޕީންސުގެ އާބާދީގެ ބޮޑު ޕަސެންޓެއްގެ ތާއީދު އޭނާއަށް ވަނީ ލިބިފައެވެ.

ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ފިލިޕީންސްގެ 86 ޕަސެންޓު ރައްޔިތުން ޑުޓާޓޭއަށް އިތުބާރު ކުރޭ -- ފޮޓޯ: އޭޕީ

އާއްމުންގެ ހިޔާލު ހޯދާ ފިލިޕިންސުގެ ކުންފުންޏެއް ކަމަށްވާ ޕަލްސް އޭޝިއާ ރިސާޗް އިންކޯޕަރޭޓެޑް އިން 1،200 މީހުން ހިމަނައިގެން ސެޕްޓެމްބަރު 25 ކާއި އޮކްޓޯބަރު އެކަކާ ދެމެދު ހެދި ސާވޭއަކުން ދެއްކި ގޮތުގައި އެގައުމުގެ އާބާދީގެ 86 ޕަސެންޓު މީހުން ޑުޓާޓޭއަށް ތާއިދުކޮށް، އެނާއަށް އިތުބާރު ކުރެ އެވެ. އެހެންކަމުން ޑުޓާޓޭއަކީ މުޅި ގައުމުގެ ރައްޔިތުން އެންމެ އިތުބާރު ކުރާ އޮފިޝަލަކަށް ވެފައިވާ އިރު، ސާވޭއިން ދެއްކި ގޮތުގައި އޭނާއަށް އެންމެ ބޮޑު ތާއިދެއް އަދިވެސް އޮތީ މިންދަނާއޯގައެވެ.

ޑުޓާޓޭއަށް ތާއިދު ކުރާ ސަބަބާ ބެހޭ ގޮތުން ސީއެންއެންއިން އާއްމުންނާ ސުވާލު ކުރުމުން ގިނަ މީހުންގެ ޖަވާބު ބިނާވެފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް އޭނާ ކުރައްވާ މަސައްކަތްތަކަށެވެ. ޑުޓާޓޭ އަކީ "ހުތުރު ބަހުން ވާހަކަ ދެއްކެވި ނަމަވެސް ތެދުވެރި" ރައީސެއް ކަމަށާއި އެނާ އަކީ އެހެން ރައީސުންނާ ހިލާފަށް އަމަލީ ގޮތުން ކަންތައް ކުރައްވާ ބޭފުޅެއް ކަމަށް އާއްމުން ބުނެ އެވެ.

ވީމާ، ބައެއް ފަރާތްތަކަށް ރައީސް ޑުޓާޓޭ ފެނިގެން ދަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުން މެރުމަށް މަސްތުވެފައިވާ މީހެއްގެ ގޮތުގައެވެ. ނަމަވެސް އެހެން ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޑުޓާޓޭ އަމަލު ކުރައްވަނީ ކުށް ކުރުން އިތުރުވެފައިވާ ގައުމެއްގައި، "ގަޓު" ހުރި ރައީސަކު އަމަލު ކުރައްވަންވީ ގޮތަކަށެވެ.