15 Oct 2016, 16:25
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް އެޓީމާއެކު ހަދާފައިވާ ހަ އަހަރުދުވަހުގެ އެއްބަސްވުން 2019އަށް ހަމަވާނެއެވެ. 2013 ވަނަ އަހަރު 85.1 މިލިއަން ޕައުންޑުގެ ފީއަކަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާއިން ރެއާލާ ގުޅުނު ހުނަރުވެރި ފޯވާޑްގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ޒައިނުއްދީން ޒިދާންގެ ޓީމުން މިހާރު ކުރަމުން ދާކަމަށް ވެއެވެ.
ސްޕެއިންގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ކަދޭނާ ސޭރާއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން، ބޭލް މިހާރު ވަނީ ރެއާލްގައި 2022 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މަޑުކުރުމަށް އެ ކްލަބާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެހެން ނަމަވެސް އެކަން އިއުލާނުކުރާން އަދި ދުވަސްކޮޅެއް ނަގާނޭކަމަށް ވެއެވެ.
ރެއާލް މެޑްރިޑުން އިތުރު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބޭލް ލައްވައި ސޮއިކުރާއިރު، އޭނާގެ ކޮންޓްރެކްޓް އުވާލުމުގެ އަގު 452 މިލިއަން ޕައުންޑަށް ބޮޑުކުރާނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެހެންކަމާއެކު އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، އެހެން ކްލަބަކުން ބޭލް ގެންދަން އެދޭނަމަ ދައްކަން ޖެހޭ އަގު ބޮޑުވެގެން ދާއިރު، ބޭލްވެސް ދަނީ ރެއާލުން އޭނާގެ އުޖޫރައަށްވެސް ހެޔޮ ބަދަލެއް ގެނެސްދޭނޭކަމަށް އުންމީދުކުރަމުންނެވެ.
މީގެ ތިން އަހަރު ކުރީން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލަށް ބޭލް ސޮއިކުރި ނަމަވެސް، އަދިވެސް ރެއާލުން އެންމެ ބޮޑު އުޖޫރައެއް ދޭ ކުޅުންތެރިއަކީ، 2009 ވަނަ އަހަރު 80 މިލިއަން ޕައުންޑު (އޭރުގެ ދުނިޔޭގެ ރެކޯޑް ފީއަކަށް) މެންޗެސްޓާ ޔުނައިޓެޑުން ރެއާލަށް ސޮއިކުރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެހެންކަމުން، ބޭލްގެ އުންމީދަކީ، މިހާރު ޓެކްސް އުނިކުރުމަށް ފަހު ރޮނާލްޑޯއަށް އަހަރަކު ލިބޭ 20 މިލިއަން ޕައުންޑާ އެއްވަރުގެ އުޖޫރައެއް ލިބުމެވެ. އެއީ މިހާރު ބޭލްއަށް ލިބޭ މުސާރައަށް، ހަފްތާއަކު 260،000 ޕައުންޑުގެ އިތުރުވުމެކެވެ. ރޮނާލްޑޯއަށް އުޖޫރައިގެ ގޮތުގައި ހަފްތާއަކު 750،000 ޕައުންޑު ޖެހެއެވެ.
މިހާރު ކުރިއަށްދާ 2016-17 ފުޓްބޯޅަ ސީޒަންގައި ބޭލް ވަނީ އޭނާ ކުޅުނު ހަ މެޗުން ރެއާލަށް މިހާތަނަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. ރޮނާލްޑޯ ވަނީ މިސީޒަންގައި އޭނާ ކުޅުނު ތިން މެޗުން ރެއާލަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. އެއީ ލީގު އެއް ލަނޑު އަދި ޗެމްޕިއަންސް ލީގުގައި ދެ ލަނޑެވެ.
ސްޕެނިޝް ލީގުގައި މިވަގުތު ރެއާލް ދެވަނައިގައި އޮން ނަމަވެސް އެޓީމު އޮތީ އެއްވަނައި ގައި އޮތް ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށްފައެވެ. އެތުލެޓިކޯއަށް ކުރި ލިބެނީ ރެއާލަށް ވުރެ ފައިދާ ތިން ގޯލްގެ ތަފާތުންނެވެ.
މުސާރައާއި އެހެނިހެން އުޖޫރަތަކުގެ އިތުރުން ދަނޑުމަތީގައި ވެސް ވާދަވެރި މި ދެކުޅުންތެރީންނަކީ މިވަގުތު ރެއާލަށް ވަރަށް މުހިއްމު ދެކުޅުންތެރީންނެވެ.
ސްޕެއިންގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުން، ރެއާލުން މިހާރުވަނީ، އެ ކްލަބުގެ "ރިނޮވޭޝަން" މަސައްކަތެއް ފަށައިފައެވެ. އެގޮތުން ޒިދާންގެ ރެއާލުން ވަނީ ބޭލްގެ އިތުރުން ރޮނާލްޑޯ، ޓޯނީ ކްރޫސް، ޕެޕޭ އަދި ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރީންގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އަދި މި ހުރިހާ ކުޅުންތެރީންވެސް ވަނީ ރެއާލްގައި އިތުރު މުއްދަތަކަށް މަޑުކުރާން އެއްބަސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.