ވޮޝިންޓަން (އޮކްޓޯބަރ 15): އެމެރިކާއަށް މުސްލިމުން ވަނުން މަނާކޮށްފިނަމަ އަހަރެއްގެ ތެރޭގައި 66 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ އެމެރިކާ ކުރިމަތިލާން ޖެހޭނެކަން ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ނިއުޒްވީކް މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ކުރައްވާފައި ވަނީ އެމެރިކާގެ ފޮރިން ރިލޭޝަން ކައުންސިލްގެ ރީސާޗަރެއް ކަމަށްވާ އެޑްވަޑް އެލްޑިން އެވެ. އެލްޑިންގެ ރީސާޗްގައިވާ ގޮތުން އެމެރިކާއަށް ޒިޔާރަތްކުރާ މުއްސަނދި ޓޫރިސްޓުންގެ ތެރޭގައި ގިނަ އަދަދެއްގެ މުސްލިމުން ހިމެނޭއިރު މުސްލިމުން ވަނުން މަނާކޮށްފިނަމަ އެމެރިކާގެ ޓޫރިޒަމަށް ނެދެވޭ އަސަރު ކުރާނެ އެވެ. އަދި އެމެރިކާގައި އިންވެސްޓްކޮށްފައިވާ އިންވެސްޓަރުންގެ ތެރޭގައި ވެސް މުސްލިމް ވިޔަފާރިވެރިން ހިމެނޭއިރު އެގޮތަށް އަމަލުކޮށްފިނަމަ އެމެރިކާގެ އިގްތިސާދަށް އެނގުންވާ މިންވަރަށް އެކަމުގެ ގެއްލުން އެމެރިކާގެ އިގްތިސާދަށް ކުރާނެ އެވެ.

އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރުމުން ލިބޭ ސީދާ ގެއްލުންތަކުގެ މިންވަރު 66 ބިލިޔަން ޑޮލަރަށް އަރާއިރު އެކަމުގެ ނުސީދާ ގެއްލުންތަކުގެ މިންވަރު އެއަށްވުރެ ދެ ގުނަ އިތުރުވާނެ ކަމަށް އެމެރިކާގެ ފޮރިން ރިލޭޝަން ކައުންސިލުން ބުނެއެވެ. އެމެރިކާގެ ރިޔާސީ ރޭހުގައި ވަދަކުރައްވާ ރިޕބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވަނީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރައްވައި އޭނާއަށް ވެރިކަން ލިބިއްޖެނަމަ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ އެމެރިކާގެ ރައީސަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫންކަން އެނގިވަޑައިގެން ފަހުން ޓްރަމްޕް ވަނީ ޓެރަރިސްޓުންގެ ނުރައްކާތެރިކަން ބޮޑުވެފައިވާ އިސްލާމީ ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުންމަނާކުރައްވާނެކަމަށް ވިދާޅުވެ ކުރިންދެއްކެވި ވާހަކަތައް ބަދަލުކުރައްވާފައެވެ.

މިކަމާބެހޭގޮތުން ދެއްވާފައިވާ ބަޔާންތަކުގައި އެމެރިކާގެ ފޮރިން ރިލޭޝަން ކައުންސިލްގެ ބައެއް އެހެން ރީސާޗަރުންވަނީ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރުމަކީ ބައިނަލްއަގްވާމީ މުޖްތަމައުގައިވެސް އެމެރިކާ އެކަހެރިވެ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވެގެންދާނެ ކަމެއްކަން ހާމަކުރައްވާފައެވެ. އަދި މިފަދަ ހާލަތެއްގައި އެމެރިކާގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރަންވެސް އެމެރިކާއަށް ދަތިތަކެއް ކުރިމަތިވެ އިސްލާމީ އެތަށްގައުމަކަށް އެމެރިކާގެ ރައްޔިތުން ވަނުން މަނާކުރުންފަދަ މައްސަލަތަކާ އެމެރިކާ ކުރިމަތިލާން ޖެހޭނެކަން ހާމަކުރައްވާފައިވެއެވެ.

އެމެރިކާގެ ރިޔާސީ ރޭހުގައި ވަދަކުރައްވާ ރިޕބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަކީ ފާޅުގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށިބަސްތައް ވިދާޅުވަމުން ގެންދަވާ ބޭފުޅެއް ކަމަށްވާއިރު ޓްރަމްޕްގެ ވާދަވެރިޔާ ހިލަރީ ކްލިންޓަންއަކީ މުސްލިމުންނާ ދެކޮޅަށް ފާޅުގައި ހަރުކަށި ބަސްތައް ވިދާޅުނުވެ މަތިއޮމާންކޮށްގެން މުސްލިމުންނާމެދު އަޑިނުބައި ބޭފުޅެއްކަންވަނީ އޭނާގެ ލީކުވެފައިވާ އީމެއިލްތަކުން ހާމަވެފައެވެ.

މީގެތެރޭގައި އިރާގާއި ސޫރިޔާފަދަ ގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި އައިއެސް ޖަމާއަތަށް އެހީތެރިވުމަށް ހިލަރީ ޚާރިޖީ ވަޒީރަކަށް ހުންނެވި ދުވަސްވަރު އެކަމަނާ ހިންގާފައިވާ ބައެއް މުއާމަލާތްތައް ހިމެނެއެވެ. ވިކިލީކްސް އިން ދާދިފަހުން ބޭޒާރުކޮށްލި ހިލަރީގެ އީމެއިލްތަކުންވަނީ މި މުއާމަލާތްތައް ހާމަވެފައެވެ. މިއާއެކު ހިލަރީގެ މައްޗަށްވަނީ އެކަމަނާގެ އަމިއްލަ އީމެއިލް ބޭނުންކޮށްގެން ހިންގާފައިވާ އެމެރިކާ ސަރުކާރުގެ ރަސްމީ ލިޔުންތައް ފުހެލެއްވި ކަމުގެ ތުހުމަތު ވެސް ކުރެވިފަ އެވެ.

މީގެއިތުރުން ހިލަރީއަކީ ފަލަސްތީނުގެ ހައްގުތަކަށް އިންކާރުކުރާ އެމެރިކާގެ ހަރުކަށި ޔަހޫދީ ލޮބީ ގްރޫޕްތަކާވެސް ގުޅުންތައް ބޮޑު ބޭފުޅެކެވެ. ޓްރަޕްމްގެ ހަރުކަށި ބަސްތަކުގެ ސަބަބުން އޭނާގެ ކޭންޕޭނަށް ނޭދެވޭ އަސަރުތައް ކޮށްފައިވާއިރު ހިލަރީގެ އީމެއިލްތައް ބޭޒާރުވުމުގެ ސަބަބުން ޚުދު ހިލަރީގެ ކޭންޕޭނަށް ވެސް ވަނީ ނޭދެވޭ އަސަރުތައް ކޮށްފައެވެ.

ހިލަރީގެ ބައެއް އީމެއިލްތަކުން ވަނީ އިސްލާމީ ބައެއް ގައުމުތަކަށް ބޮންއަޅަން ރޭވުމުގެ އިތުރުން ވިކިލީކްސްގެ ފައުންޑަރު ޖޫލިޔަން އަސާންޖް ހިމާޔަތް ހޯއްދަވައިގެން ހުންނެވި ލަންޑަންގައިވާ އިކުއެޑޯރ ގެ އެންބަސީއަށް ބޮންއެޅުމަށްވެސް ހިލަރީހެ ޚާރިޖީ ވަޒީރުކަމުގައި އެކަމަނާ ރޭއްވެވިކަންވެސް ހާމަވެގެން ގޮސްފައެވެ. މި ލިޔުންތައްވެސް ހާމަވެފައިވަނީ ވިކިލީކްސް އިން ދާދިފަހުން ބޭޒާރުކޮށްލި ހިލަރީގެ ކުރީގެ އީމެއިލްތަކުންނެވެ. (ނޫސްއެޖެންސީތައް)