މިސީޒަނުގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ އެމަގާމުން ވަކިކުރަން އުޅޭ ޚަބަރުތައް އަޑުއަހަނީ އެއްވެސް ބިރެއް ނެތި ހިނިތުންވުމާ އެކު ކަމަށް އޭނާ ބުނެފިއެވެ.

ކޮންޓޭ އެމޭރުމުން ވާހަކަ ދައްކާފައި މިވަނީ އެންމެ ފަހުން ލީގުގައި ޗެލްސީ ކުޅުނު ދެ މެޗުން ބަލިވެ އޭގެ ކުރިން ކުޅުނު މެޗުން އެއްވަރުވެ ކޯޗުގެ މަގާމުން އޭނާ ވަކިކޮށްފާނެ ކަމުގެ ވާހަކަތައް އިނގިރޭސި މީޑިއާގައި ދެކެވެމުންދާތީއެވެ.

"މިވަގުތު ޓީމު އޮތް ހާލަތާ ގުޅޭ ގޮތުން އަދި ވާހަކަ ދައްކަން ފަސޭހައެއް ނޫން. އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ޓީމަށް ދިމާވެފައި މިވާ ކަންތައްގަނޑުން އަރައިގަތުމަށް،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ، އޭނާ ޗެލްސީއާ ހަވާލުވިއިރު ޓީމު އޮތީ އެހާ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި ރަނގަޅު ހާލަތަކަށް ޓީމް ގެންދަން ޖެހޭ ކަމަށެވެ.

"އަހަރެމެން އެންމެވެސް މަސަތްކަތް ކުރަމުން މިދަނީ އެއްކަމެއް ހާސިލް ކުރުމަށް. އެއީ މުސްތްގަބަލަށް ރަނގަޅު ޓީމެއް ބިނާ ކުރުމުގެ މަސަތްކަތް. ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިންނާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް،" ކޮންޓޭ ބުންޏެވެ.

ޗެލްސީގެ ކޯޗު ކަމާ މި ސީޒަނުގައި ކޮންޓޭ ހަވާލުވުމުގެ ކުރީން އެޓީމާ ހަވާލުވެ ހުރީ ވަގުތީ ކޯޗު ގޫސް ހިޑިންކެވެ. އޭގެ ކުރިން މިދިޔަ ސީޒަނުގައި އެ ޓީމްގެ އެންމެ ކާމިޔާބު އެއް ކޯޗު ހޯސޭ މޮރީނިއޯ ކޯޗުކަމުގެ މަގާމުން ވަކިކުރީ ގިނަ މެޗުތަކަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހި ކުޅުންތެރީންގެ ކުޅުން ވެސް ވަރަށް ދަށް ވެފައި ވަނިކޮށެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން ލީގުގައި ޗެލްސީ ވަނީ އެންމެ ފުރަތަމަ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުގެ ނަތީޖާއާ އެކު މިވަގުތު އޮތީ ލީގުގެ ހަތް ވަނައިގައި 13 ޕޮއިންޓާއެކުއެވެ.

ލީގުގައި މިއަދު ހަވީރު 16:30 ގައި ޗެލްސީ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީއާ ދެކޮޅަށެވެ.