ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަކިކުރައްވައި އެވެ.

އަބްދުއްރަހީމާއެކު ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާ ތިން ބޭފުޅަކު ވަނީ ޕީޕީއެމްގެ ކައުންސިލުން ވަކިކޮށްފަ އެވެ.

އަބްދުއްރަހީމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ފޮނުއްވެވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ އަބްދުއްރަހީމަކީ ޕާޓީގެ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ކައުންސިލަށް އައްޔަން ކުރެއްވި ތިން މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށާއި ކައުންސިލްގެ މެމްބަރުކަމުން މިއަދުން ފެށިގެން އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ. ކައުންސިލް މެމްބަރުކަމުން އަބްދުއްރަހީމް ވަކިކުރެއްވުމުން ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމު ގެއްލުނީ ކަމަށް މައުމޫންގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމަށް އަބްދުއްރަހީމް އައްޔަން ކުރީ ޕީޕީއެމްގެ ކައުންސިލުންނެވެ.

އަބްދުއްރަހީމަށް ޕީޕީއެމްގެ ރައީސް މައުމޫން ފޮނުއްވެވި ސިޓީފުޅު--

ޕީޕީއެމްގެ ކައުންސިލުން އަބްދުއްރަހީމް ވަކިކުރެއްވި ސަބަބެއް ކަމަށް މައުމޫން ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ޕާޓީގެ ފިކުރާ ހިލާފަށް އަބްދުއްރަހީމް އަމަލު ކުރައްވަމުން ގެންދަވާ ކަމަށާއި ޕާޓީގެ ރައީސާ ބެހޭ ގޮތުން ހަގީހަތާ ހިލާފު ވާހަކަތައް އޭނާ ދައްކަވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑަށް ނޭނގި އެކިއެކި ޕެޓިޝަންތަކުގައި ޕާޓީގެ ކައުންސިލްގެ މެމްބަރުން ލައްވައި ސޮއި ކުރުވައި އަޅުގަނޑާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ މީޑިއާގައި ދައްކަވައި، މިފަދަ އެތައް ކަމެއް ކުރައްވަމުންނެވެ. މަނިކުފާނަކީ އަޅުގަނޑު ކައުންސިލަށް އައްޔަން ކުރި ތިން މެމްބަރުންގެ ތެރެއިން މެމްބަރަކަށްވާއިރު، މަތީގައި މި ދެންނެވި ކަންކަމަކީ އަޅުގަނޑަށް ގަބޫލު ކުރަން ދަތި ކަންކަމެވެ. އަދި މިކަންކަމާ ހިތްހަމަނުޖެހިގެން ޕާޓީގެ ވަރަށް ގިނަ އާންމު މެމްބަރުންގެ ފަރާތުން އަޅުގަނޑަށް ޝަކުވާ ލިބެމުންދެ އެވެ،" މައުމޫން ފޮނުއްވެވި ސިޓީގައިވެ އެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ނިއު ޕޯޓުގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު އެ މަގާމުން ވަކިކުރައްވައި ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާގައި އޭނާ މުއާމަލާތް ކުރައްވަމުން ގެންދަވަނީ ވަރަށް ބޭއަދަބީ އަދި ދަށުދަރަޖައިގެ ބަސްތައް ބޭނުން ކުރައްވައިގެން ކަމަށެވެ. އެފަދަ އަމަލުތަކަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކައުންސިލަށް އައްޔަން ކުރެއްވި މެމްބަރެއްގެ ކިބައިން ފެންނަން ބޭނުންފުޅު ނުވާ އަދި ގަބޫލު ކުރަން ދަތި ކަންތައްތަކެއް ކަމަށް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

"ވީމާ މިއަދުން ފެށިގެން ހިތާމައާއެކު، މަނިކުފާނު ޕީޕީއެމްގެ ކައުންސިލުން ވަކިކޮށްފީމެވެ. މި ފުރުސަތުގައި މަނިކުފާނު ޕާޓީގެ ކައުންސިލް މެމްބަރެއްގެ ހައިސިއްޔަތުން މި ޕާޓީއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަމެނެވެ،" ޒާހިދަށް ފޮނުއްވެވި ސިޓީފުޅުގައި މައުމޫން ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ޒުވާނުން ގޮފީގެ ރައީސްކަމުގެ މަގާމު، އިބްރާހިމް ޔޫސުފުފުޅަށް ގެއްލުނު ސަބަބެއް ކަމަށް މައުމޫން ވިދާޅުވެފައި ވަނީ އެ ގޮފީގެ މެމްބަރުންގެ އުމުރުގެ ގޮތުގައި ކަނޑައަޅާފައިވާ އުމުރަށް ވުރެ ދޮށިވުމުން ކަމަށެވެ.

ޕީޕީއެމްގެ ޒުވާނުން ގޮފީގެ މެމްބަރުންނަކީ އުމުރު 31 އަހަރުން ދަށުގެ ޒުވާނުންނެވެ. ނަމަވެސް އިބްރާހިމް ޔޫސުފުޅަށް މިއަހަރުގެ މެއި މަހު 31 އަހަރުވެފައިވާތީ އޭނާއަށް އެ ގޮފީގެ ރައީސްކަން ގެއްލިފައިވާ ކަމަށާއި ޕީޕީއެމްގެ ކައުންސިލްގައި އިބްރާހިމް ޔޫސުފް ތަމްސީލު ކުރައްވާ ގޮނޑި ގެއްލިފައިވާ ކަމަށް މައުމޫން އޭނާއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްގެ ކައުންސިލްގެ މެމްބަރުކަމުން ތިން ބޭފުޅަކު ވަކިވިކަން މައުމޫން އެންގެވިއިރު، އެ ޕާޓީގެ ކައުންސިލް ބޭއްވުމަށް އެދި ރައީސް އަބްދުﷲ ޔާމީނަށް ތާއިދު ކުރައްވާ ބޭފުޅުން ދަނީ އެދެމުންނެވެ. ނަމަވެސް މައުމޫން ވިދާޅުވަމުން ގެންދަވަނީ ޕީޕީއެމްގެ ކައުންސިލް ބާއްވާނީ އެންމެ ފަހުން ބޭއްވި ކައުންސިލް ބައްދަލުވުން ކޯރަމް ގެއްލުވާލި މެމްބަރުން މައާފަށް އެދިވަޑައިގަތުމުން ކަމަށެވެ.