ވޮޝިންޓަން (އޮކްޓޯބަރު 15): ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7ގެ ބެޓެރީގައި ދޮން ބޮޑުވެ، ރޯވާ މައްސަލައާ ގުޅިގެން ފްލައިޓުތަކަށް ނޯޓް 7 އެރުވުން އެެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރާންސްޕޮޓޭޝަނުން މަނާކޮށްފި އެވެ.

މިއަދުން ފަށައިގެން ނޯޓް 7 އެއްވެސް ގޮތަަކަށް ފްލައިޓަށް ނޭރުވުމަށް އެމެރިކާގެ ދަތުރުފަތުރާ ބެހޭ ޑިޕާޓްމެންޓުން ބުނެފައި ވަނީ ނޯޓް 7 ފްލައިޓު މަތީގައި ބޭނުން ނުކުރުމަށާއި ލަގެޖުގެ ގޮތުގައި ދޫކޮށް ނުލުމަށް އެގައުމުގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މީގެ ކުރިން އިލްތިމާސްކޮށްފައި ވަނިކޮށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ފްލައިޓުތަކަށް ފޯނު އެރުވުން މަނާ ކުރުމުން ބައެއް ފަސިންޖަރުންނަށް ދަތިވާނެ ކަން ނަމަވެސް ފްލައިޓުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންގެ ސަލާމަތްކަމަށް އިސްކަންދޭންޖެހޭ. ފްލައިޓު ތެރޭގައި އެންމެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ގިނަ ބަޔަކަށް އަނިޔާވެ، ގިނަ ބަޔެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އިތުރުވޭ،" ޓްރާންސްޕޮޓޭޝަން ޑިޕާޓްމެންޓުގެ ސެކްރެޓަރީ އެންތަނީ ފޮކްސް ވިދާޅުވި އެވެ.

ސެމްސަންގުން މިއަހަރު ނެރުނު ނޯޓު 7 ފޯނު އެކުންފުނިން ބާޒާރަށް ނެރުނީ ބޮޑެތި އުންމީދުތަކަކާ އެކުގައެވެ. ނަމަވެސް އެ ފޯނުގެ ބެޓެރި ގޮވައި، ބެޓެރީގައި ރޯވާ މައްސަލައެއް ދިމާވާން ފެށުމާ އެކު، ސެމްސަންގުން ވަނީ އެ ފޯނުތަކުގެ ބަދަލު، ކަސްޓަމަރުންނަށް ދިނުމަށްފަހު ފޯނު އަނބުރާ ނަގާފައެވެ.

އެފަދައިން ގިނަ ފޯނުތަކެއް އަނބުރާ ނެގުމަށްފަހު، ސެމްސަންގްއިން ވަނީ އެފޯނަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ފޯނުގެ ބެޓެރީއަށް ބަދަލުތަކެއް ގެނައުމަށްފަހު، މި އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ނޯޓު 7 އަލުން ރީލޯންޗު ކޮށްފައެވެ.

އެހެން ނަމަވެސް އެ ފޯނަށް ދިމާވަމުން އައި މައްސަލަ ހައްލުވާ ގޮތެއް ނުވިއެވެ.

އެހެންކަމުން ސެމްސަންގުން ވަނީ ކަސްޓަމަރުންގެ ސަލާމަތަށްޓަކައި ގެލެކްސީ ނޯޓު 7 ފޯނު ވިއްކުމާއި އުފެއްދުން ހުއްޓާލަން ނިންމާފައިވާ ކަމަށް މިދިޔަ ހަފްތާ ތެރޭގައި ބުނެފަ އެވެ.

އަދި ނޯޓު 7 ގެ އޮރިޖިނަލް ފޯނާއި، އޭގެ ބަދަލުގައި ސެމްސަންގްއިން ފޮނުވި ނޯޓު 7 ފޯނުތައް މިވަގުތު އޮތް ކަސްޓަމަރުން، އެ ފޯނުތަކުގެ ޕަވަރ އޮފް ކުރުމަށްފަހު އޭގެ ބަދަލުގައި ފައިސާ ނުވަތަ އެހެން ފޯނެއް ސެމްސަންގުން ހޯދުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ. (ބީބީސީ)