އަބޫޖާ (އޮކްޓޯބަރު 15): ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީގެ ސަރުކާރަކަށް އަނބިކަނބަލުން އައިޝާ ބުހާރީ ފާޑު ވިދާޅުވުމާ ގުޅިގެން އެއަށް ރައްދު ދެއްވަމުން، އައިޝާ ނިސްބަތް ވަނީ ބަދިގެއަށް ކަމަށް ރައީސް ބުހާރީ ވިދާޅުވެއްޖެ އެވެ.

ރައީސް ބުހާރީ އެފަދައިން ވިދާޅުވެފައި ވަނީ ނައިޖީރިއާގެ ސަރުކާރަށް ބަދަލުތަކެއް ނުގެނެސްފިނަމަ ކުރިއަށް އޮތް އިންތިހާބުގައި ރައީސަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވެ އޭނާގެ އަނބިކަނބަލުން އައިޝާ އިންޒާރު ދެއްވި ފަހުންނެވެ.

"އަޅުގަނޑަކަށް ނޭނގެ އަޅުގަނޑުގެ އަނބިކަނބަލުން ނިސްބަތްވަނީ ކޮން ޕާޓީއަކަށް ކަމެއް، އެކަމަކު އޭނާ ނިސްބަތްވަނީ އަޅުގަނޑުގެ ބަދިގެއަށާއި، އަޅުގަނޑުގެ ލިވިން ރޫމަށާއި، އަނެއް ކޮޓަރިއަށް،" އަނބިކަނބަލުންގެ ފާޑު ކިޔުންތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބުހާރީ ވިދާޅުވި އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި ޗާންސެލަރު އެންޖެލާ މާކެލްއާ އެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ބުހާރީ ވިދާޅުވީ ތިން ފަހަރު ރައީސް ކަމަށް ވާދަ ކުރުމަށް ފަހު ހަތަރު ވަނަ ފަހަރު އިންތިހާބު ކާމިޔާބު ކުރުމުން އޭނާއަށް ވެރިކަމާ ބެހޭ ގޮތުން އޭނާގެ އަނބިކަނބަލުންނާއި އިދިކޮޅު ފަރާތްތަކަށް ވުރެ މާރަނގަޅަށް އެނގޭނެ ކަމަށެވެ.

ރައީސް ބުހާރީގެ ބަސްތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ މުޖުތަމައުގައި އަންހެނުންގެ ދައުރާ މެދު ރައީސް ދެކިލައްވާ ގޮތާ ބެހޭ ގޮތުން ސުވާލު އުފައްދާފަ އެވެ. ނަމަވެސް ނައިޖީރިއާ ރައީސްގެ ތަރުޖަމާނު ވަނީ އެއީ ބުހާރީ މަޖަލަކަށް ވިދާޅުވި ބަސްފުޅެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ބުހާރީ ވަނީ އެނާގެ އަނބިކަނބަލުން އައިޝާ ބުހާރީ ނިސްބަތް ވަނީ ބަދިގެއަށް ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭޕީ

ބީބީސީއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އައިޝާ ބުހާރީ ވިދާޅުވީ 'މަދު ބަޔަކު ވަނީ ނައިޖީރިއާގެ ސަރުކާރު ހައިޖެކްކޮށްފަ' ކަމަށެވެ.

"ސަރުކާރުގެ މަގާމުތަކަށް ރައީސް އައްޔަން ކުރެއްވި 50 މީހުންގެ ތެރެއިން 45 މީހުންނަކީ ކޮންބައެއް ކަމެއް ރައީސަކަށް ނޭނގޭ. އަދި އަޅުގަނޑުމެންގެ ކައިވެންޏަށް 27 އަހަރުވެފައިވީ ނަމަވެސް އެއީ ކޮންބައެއް ކަމެއް އަޅުގަނޑަކަށްވެސް ނޭނގޭ،" އައިޝާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ނައިޖީރިއާގައި ބޭއްވި ރިޔާސީ އިންތިހާބުގައި އައިޝާ ބުހާރީ ވަނީ ރައީސް ބުހާރީއަށް ވަރަށް ވައުގަދައަށް ކެމްޕެއިން ކުރައްވައި، ގިނަ އަދަދެއްގެ އަންހެނުންނާއި ޒުވާނުންގެ ވޯޓު ރައީސް ބުހާރީއަށް ހޯއްދަވާފަ އެވެ. (ބީބީސީ)