08 Jun 2011, 17:19
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ހުޅުމާލޭން ދޫކުރާ 15 ފްލެޓްގެ ތެރެއިން 14 ފްލެޓެއްގެ ތަޅުތަނޑި އެ ފްލެޓްތަކުގެ ވެރިފަރާތްތަކާ ހަވާލުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ ފްލެޓްތަކަށް ޝަރުތު ހަމަވެގެން ހެލްތު މިނިސްޓްރީން ފޮނުވި ލިސްޓުގައިވާ 15 މީހުންގެ މެދުގައި ގުރުއަތުން ފްލެޓްތައް ދިމާވި އޯޑަރުން 14 މީހަކާ އެ ފްލެޓްތަކުގެ ތަޅުދަނޑި މިދިޔަ ހޯމަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެއް ފްލެޓްގެ ތަޅުތަނޑި އެ ފްލެޓްގެ ވެރިފަރާތާ ހަވާލުކޮށްފައި ނުވަނީ އެ ފަރާތުގެ މައުލޫމާތު ހެލްތު މިނިސްޓްރީ އަށް ފޮނުވާފައިވާ ނުވާތީ ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަރާތުން ފްލެޓާ ހަވާލުވެފައި ނުވަނީ ގުރުއަތުން ލިބުނު ފްލެޓާ މެދު ހިތްހަމަނުޖެހިގެން. ނަމަވެސް ހިތްހަމަނުޖެހެނީ ކޮން ސަބަބަކާ ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނުވޭ،" ސުހެއިލް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުޅުމާލޭން ދޫކުރި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓަށް އެދި 585 މީހުން ފޯމް ހުށަހަޅާފައިވާ އިރު އެ ފްލެޓްތަކަށް ޝަރުތު ހަމަވެގެން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ 10 ކުޑަކުދިން ހިމެނެ އެވެ.