ސޯނަމް ކަޕޫރަކީ ބޮލީވުޑްގެ ފެޝަނިސްޓާ ގެ ގޮތުގައި ލޭބަލް ވެފައިވާ ފަންނާނެކެވެ. ހެދުން އެޅުމުގައި ސޯނަމް ގެންގުޅޭ ތަފާތު ގޮތްތަކުގެ ސަބަބުން ގިނަ ބަޔަކަށް އޭނާގެ ސްޓައިލް ކަމުދެ އެވެ.

ފެޝަނާއި ގުޅޭ ގޮތުން ސޯނަމް އާއި ސުވާލެއް ކޮށްފި ނަމަ، ޖެހިލުމެއް ނެތި ވަރަށް ފުރިހަމަ އަށް ޖަވާބު ދޭނެ އެވެ. އަދި އެހެން ފަންނާނުންގެ ހެދުން އެޅުމަށް ވެސް ސޯނަމް ފާޑުކިޔައި ހަދަ އެވެ.

އެގޮތުން އެންމެ ފަހުން ސޯނަމްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ ފިލްމު 'އަކީރާ' ގެ ބަތަލާ ސޮނާކްޝި ސިންހާ އަށެވެ.

ޗެޓް ޝޯވ އެއްގައި ބޮލީވުޑް ފަންނާނުންގެ ހެދުން އެޅުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސޯނަމް ބުނެފައި ވަނީ ސޮނާކްޝީގެ ސްޓައިލިސްޓު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ސޯނަމް ބުނީ ސޮނާކްޝީގެ ސްޓައިލިސްޓަށް ވުރެ ސޮނާކްޝީ ވެސް މޮޅު ވާނެ ކަމަށެވެ. އަދި ސޮނާކްޝީ އާ ބޮޑަށް ގުޅެނީ އިންޑިއާ ހެދުން ކަމަށާއި އެހެންކަމުން ވިލާތުގެ ހެދުން އެޅުން ސޮނާކްޝީ މަދުކޮށްލަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސޮނާކްޝީ އަކީ ފާޑުކިޔުންތައް ވަރަށް ސީރިއަސް ކޮށް ނަގާ ފަންނާނެކެވެ. ނަމަވެސް ސޯނަމްގެ ވާހަކަތަކަށް އަދި ސޮނާކްޝީ ރައްދު ދީފަ އެއް ނުވެ އެވެ.