ކަރަން ޖޯހަރުގެ "އޭ ދިލް ހޭ މުޝްކިލް" ރިލީޒް ކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އިންޑިއާގެ ހަތަރު ސްޓޭޓެއްގައި ޕާކިސްތާނު ފަންނާނުން ހިމެނޭ ފިލްމުތައް ނުދައްކާނެ ކަމަށް ސިނަމާތައް ހިންގާ އެސޯސިއޭޝަން، ސީއޯއީއޭއައި އިން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ނިންމާފައި ވަނީ މަހާރާޝްތުރަ، ގުޖްރާތު، ކަރްނާޓަކާ އަދި ގޯއާ ގައި ޕާކިސްތާނު ފަންނާނުން ހިމެނޭ ފިލްމުތައް ނުދެއްކުމަށެވެ.

'އޭ ދިލް ހޭ މުޝްކިލް'ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ ކުޑަ ރޯލެއް ހިމެނޭ އިރު، އެ ނިންމުމާ އެކު އެ ހަތަރު ސްޓޭޓުގައި އެ ފިލްމު ނުދެއްކޭނެ އެވެ.

އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ އެސޯސިއޭޝަނުން ބުނެފައި ވަނީ އެއީ ސިޔާސީ ނުފޫޒެއްގެ ސަބަބުން ނިންމި ނިންމުމެއް ނޫން ކަމަށާއި، އެއީ މުޖުތަމައުގެ ހަމަޖެހުމަށް އިސްކަންދީގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެގޮތުން ޕާކިސްތާނު އެކްޓަރުންނާއި ޓެކްނީޝަނުންނާއި ޑައިރެކްޓަރުން އަދި މިއުޒިކް ޑައިރެކްޓަރުން މަސައްކަތް ކޮށްފައިވާ އެއްވެސް ފިލްމެއް ނުދެއްކުމަށް އެ އެސޯސިއޭޝަނުން ވަނީ ހުރިހާ މެމްބަރުންނަށް އަންގައިފަ އެވެ.

ހަމައެއާއެކު ފިލްމް އިންޑަސްޓްރީއާ ގުޅިފައިވާ އެހެން އެސޯސިއޭޝަންތަކަށް ވެސް އެ ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް އެދޭނެ ކަމަށް ސީއޯއީއޭއައި އިން ވަނީ ބުނެފަ އެވެ.

ސީއޯއީއޭއައި އިން ބުނީ ބައެއް ފިލްމުތައް ރިލީޒް ނުކުރެވުމުން ސިނަމާތަކަށް މާލީ ގޮތުން ދަތިކަމެއް ދިމާވި ނަމަވެސް، ފިލްމު ރިލީޒް ކޮށްފި ނަމަ ސިނަމާތަކަށް ހަމަލާ އަމާޒުވެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 19 ސިފައިން މަރާލުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އަދި ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ފައިބައިފައި ވާއިރު، ވަގުތީ ގޮތުން އެމީހުންނަށް ހިންދީ ސިނަމާގައި މަސައްކަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ޕާކިސްތާނުގައި ހިންދީ ފިލްމު ދެއްކުން ވެސް މަނާ ކޮށްފަ އެވެ.

ނަމަވެސް މަސައްކަތްތައް ނިމި ރިލީޒް ކުރަން ތައްޔާރުވެފައިވާ ފިލްމުތަކުގައި ޕާކިސްތާނު ފަންނާނުން ހަރަކާތްތެރިވާ ނަމަ، ފިލްމު ރިލީޒް ކުރުމުން މައްސަލައެއް ނެތް ކަމަށް އިންޑިއަން މޯޝަން ޕިކްޗާސް ޕްރޮޑިއުސާސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

'އޭ ދިލް ހޭ މުޝްކިލް' ގެ އިތުރުން ޝާހް ރުކް ޚާންގެ 'ރައީސް' އާއި ' ޑިއާ ޒިންދަގީ' ގައި ވެސް ޕާކިސްތާނު ފަންނާނުން ހަރަކާތްތެރިވެ އެވެ.

'އޭ ދިލް ހޭ މުޝްކިލް' ގައި ލީޑު ރޯލުތަކުން ފެނިގެންދާނީ ރަންބީރު ކަޕޫރު، އައިޝްވާރްޔާ ރާއި ބައްޗަން އަދި އަނުޝްކާ ޝަރްމާ އެވެ. ސެންސަރު ބޯޑުން މިހާރު ފިލްމު ފާސްކޮށްދީފައި ވާއިރު މި މަހުގެ 28 ވަނަ ދުވަހު ފިލްމު ރިލީޒް ކުރުމަށް ވަނީ ނިންމައިފަ އެވެ.