14 Oct 2016, 23:39
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީއަކީ އަދިވެސް ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި ހޯމަ ދުވަހު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އެޓީމާ ދެކޮޅަށް ޔުނައިޓެޑު ނުކުންނައިރު، އިންގްލެންޑްގެ ގައުމީ ޓީމުގެ ވެސް ކެޕްޓަން ބޭންޑާ ހަވާލުވެހުރި ރޫނީއަށް މިފަހަކަށް އައިސް، ޔުނައިޓެޑާއި އިނގިރޭސި ގައުމީޓީމުގެ ވެސް ފުރަތަމަ 11އިން ޖާގައެއް ނުލިބެއެވެ.
މިސީޒަންގައި މިހާތަނަށް 13 މެޗު ރޫނީ ކުޅެފައިވާއިރު އޭނާއަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ލަނޑެކެވެ. އެހެން ނަމަވެސް ކްލޮޕް ގަބޫލުކުރާ ގޮތުގައި ރޫނީއަކީ އިދިކޮޅު ޓީމަށް އަދިވެސް ނުރައްކާ ކުޅުންތެރިއެކެވެ.
"ވޭން ރޫނީއަކީ ލަނޑު ޖަހާ ކުޅުންތެރިއެއް އަދި އިދިކޮޅު ޓީމުތަކަށް ނުރައްކަލެއް،" ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްކޮންފަރެންސްގައި ކްލޮޕް ބުންޏެވެ.
"ދިގު މުއްދަތަކަށް ކުޅޭއިރު މިފަދަ ހާލަތެއް މެދުވެރިވެދާނެ. އެހެނަސް އަހަރެން ގަބޫލުކުރާގޮތުގައި ރޫނީއަކީ ހަމަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް."

ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް -- ފޮޓޯ: ގޯލް
ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑަކީ އިނގިރޭސި ފުޓްބޯޅައިގައި ދުވަސްވީ ވާދަވެރިކަމަށްވުރެ ބޮޑަށް ހަތުރުންގެ ގޮތުގައި ބެލެވޭ ދެޓީމަށް ވާއިރު، ކްލޮޕް ބުނީ އޭނާއަކީ ލިވަޕޫލްގެ ކޯޗް ކަމަށާއި އެގޮތުން ޔުނައިޓެޑްގެ ކުޅުންތެރިއަކާ ގުޅޭގޮތުން އެގޮތަށް ވާހަކަދެއްކުމަކީ ރަނގަޅުކަމަކަށް ނުވެދާނޭކަމަށެވެ.
ޒްލަޓަން އިބްރަހިމޮވިޗާއި ޕައުލް ޕޮގްބާގެ ސޮޔާއެކު ޔުނައިޓެޑް ވަނީ މިދިޔަ ސީޒަނާ އަޅައިބަލާއިރު ވަރަށް ބޮޑަށް ވަރުގަދަވެފައިކަންވެސް ކްލޮޕް ފާހަގަކުރިއެވެ.
މިދިޔަ ސީޒަންގެ ޕްރިމިއަ ލީގުގައި މި ދެޓީމު ބައްދަލުކުރި ދެފަހަރުވެސް ލިވަޕޫލްގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދާފައި ވާއިރު، ލިވަޕޫލަށް އޭގެ ބަދަލު ހިފިފައި ވަނީ ޔޫރޮޕާ ލީގުގެ ދެ ލެގުގައެވެ.

މި ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ދެ ފޯވާޑުން ކަމަށްވާ ޒްލަޓަން އިބްރަހިމޮވިޗާއި ޕައުލް ޕޮގްބާ -- ފޮޓޯ: ގޯލް
"ނަސީބު ކަންދިމާކުރި ގޮތުން މިއީ މެންޗެސްޓާގެ އެންމެ ވަރުގަދަ ޓީމު، އެމީހުންނަށް އެނގޭ ފުޓްބޯޅައަކީ ކޮބައިކަން. މުހިއްމު ދަނޑިވަޅުގެ ބޭނުން ހިފާނޭ ތަޖުރިބާއެބަހުރި، އެހެންކަމުން އެމީހުން ބޭނުމެއް ނުވޭ މެޗަކުން މޮޅުވާން ދުނިޔޭގެ ފެންވަރުގެ ކުޅުންތެރީންނެއް،" ލިވަޕޫލްގެ ކޯޗް ބުންޏެވެ.
"ވީއްސާރަ ދުވަހެއްގައި ވެސް ލަނޑު ޖަހައިގެން މެޗަކުން މޮޅުވެވިދާނެ. އެއީ އެފަދަ ޓީމެއް، އެކަމަކު އޭގެ މާނައަކީ އެމީހުންނަށް މެޗުން މޮޅުވެވިދާނެއެކޭ ނޫން. މާނައަކީ އެމީހުނަށް ވެސް މޮޅުވުމުގެ ފުރުސަތު އެބަ އޮތޭ."
މިދިޔަ މަހު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ޖަރުމަނު ކޯޗު ކްލޮޕް ބުނީ، "މިއީ ވަރަށް ވަރުގަދަ ގޭމަކަށް ވާނެ. ވަރަށް ރަނގަޅު ދެ ޓީމު. އެމީހުންގެ ފެންވަރު އެބަހުރި، އެމީހުންނަށް އަހަރެމެން އިހްތިރާމް ކުރަން ޖެހޭނެ،" ކަމަށެވެ.
ކްލޮޕް ބުނީ، ޔުނައިޓެޑަކީ ކިތަންމެ ވަރުގަދަ ޓީމެއް ނަމަވެސް މިފަހަރުގެ ކުރިމަތިލުން އޮތީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކަމަށްވުމުން، އެކަން ދައްކަން ޖެހޭކަމަށެވެ.
މީގެ ކުރީން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލްގެ ކުރިމަތިލުންތަކުގެ ވާހަކަތައް މިހާރުވެސް އެނގޭ ކަމަށާއި، މިއީ މުޅި ދުނިޔޭގެ އެންމެންވެސް ބަލާނޭ މެޗަކަށް ވުމުން ލިވަޕޫލްގެ ހުރިހާ ސަޕޯޓަރުންވެސް އަދި ކްލަބުންވެސް އެމީހުންގެ ހައިބަތު ދައްކުވައިދޭން ޖެހޭކަމަށް ކްލޮޕް ބުންޏެވެ.