14 Oct 2016, 21:58
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަބޫލުކުރާ ގޮތުގައި އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާއެވެ. އެގޮތުން އޭނާގެ އެ ކާމިޔާބީގެ ސިއްރަކީ، މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުރުމަށް އޭނާ ކުރާ ބުރަ މަސައްކަތްކަމަށް ރޮނާލްޑޯ ބުނެއެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާއި ޔޫރޯ 2016 ކާމިޔާބުކުރި ހުނަރުވެރި ފޯވާޑަކީ، މިފަހަރުގެ ފީފާ ބެލޮންޑޯ އެވޯޑު ހާސިލްކުރާނޭކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިޔާއެވެ.
މިހާރު އުމުރުން 31 އަހަރު ފުރިފައިވާ ރޮނާލްޑޯގެ އަޒުމާއި ދައްކަމުން އަންނަ މޮޅު ކުޅުމަށް ކުޑަވެސް ފަނޑުކަމެއް ނާދެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި އޭނާ ކުޅުން ހުއްޓާލައިފާނޭ ކަމަކަށް ވެސް ނުބެލެވެއެވެ.
"އަހަރެންނަށް ވިސްނޭގޮތުގައި އަހަންނަކީ ދުނިޔޭގެ އެއްވަނަ،" ލަ ގެޒެޓާ ޑެލޯ ސްޕޯޓްސްއަށް ރޮނާލްޑޯ ބުންޏެވެ.
"އެންމެ ވަރުގަދަ ކުޅުންތެރިޔާއަށް ވުމުގެ އަޒުމުގައި އަހަރެން ކޮންމެ ދުވަހަކުހެން ގަދައަޅައި މަސައްކަތްކުރަން. އެހެންކަމުން އަހަންނާ ދޭތެރޭ ގޮތެއް ނިންމާނީ އެހެންމީހުން.
"އަހަރެން ދަނޑުމަތީގައި އަބަދުވެސް މަސައްކަތްކުރަން އަހަރެންގެ ކުޅުން ކުރިއަރުވަން. އަހަންނަަށް އެކަމުން ހިތްވަރު ލިބޭ، އަދި އަހަރެން ގަބޫލުކުރާގޮތުގައި ދަނޑުމަތީގައި އަހަރެންގެ ކާމިޔާބީގެ ތަޅުދަނޑިއަކީވެސް އެއީ ކަމަށް."
ޔޫރޯ 2016ގެ ފައިނަލް މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުންނާން ޖެހުމުގެ ސަބަބުން ރޮނާލްޑޯއަށް މިސީޒަންގެ ކުރީކޮޅުގައި އުނދަގޫތަކެއް ކުރިމަތިވިއެވެ. އެހެން ނަމަވެސް މިހާރު ކުޅުން ރަނގަޅުވެ، އެންމެފަހުން ކުޅުނު ބައިނަލްއަގްވާމީ މެޗުތަކުގައި ރޮނާލްޑޯ ވަނީ ޕޯޗްގަލް ޓީމަށް ފަސް ލަނޑު ޖަހައިދީފައެވެ. އެގޮތުން އޭނާ ގަބޫލުކުރަނީ މިހާރު ކުރިން އޭނާ ހުރި ފެންވަރަށް އާދެވިއްޖެ ކަމުގައެވެ.
"ޔޫރޯ 2016ގެ ފައިނަލްގައި އަހަންނަށް ވަރަށް ބޮޑު އަނިޔާއެއް ލިބި، އޭގެ ސަބަބުން ދެމަހަށްވުރެ ގިނަދުވަހު ކުޅުމާ ދުރުގައި ހުންނާން ޖެހުނު. އެކަމަކު މިހާރު އަހަންނަށް އެކަމުގެ އުނދަގުލެއް ނެތް،" ޕޯޗްގަލްގެ ކެޕްޓަން ބުންޏެވެ.
ރޮނާލްޑޯ ބުނީ، މިހާރު އޭނާ ހުރީ ކުރީންވެސް ކުޅެމުން އަައ،ި އެންމެ ރަނގަޅު ފެންވަރަށް އާދެވިފައި ކަމަށާއި އަދި މި ސީޒަންގައި ވެސް މޮޅު ކުޅުމެއް ދައްކަން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
ރޮނާލްޑޯ އަކީ ފީފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރަކު ހޯދި ކުޅުންތެރިއެކެވެ. އޭނާއާ ވާދަވެރި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރަކު ހޯދާފައިވެއެވެ.