ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ހުއްދައެއް ނެތި ޕީޕީއެމްގެ ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް ނުބޭއްވުމަށް އެމަނިކުފާނު އެންގިއެންގުން "އިހަށް ފަސްކޮށްލުމަށް" ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒު ކޮށްދިނުމަށް އެދިއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ނިލަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، އެ އަމުރު ތަންފީޒުކޮށްދިނުމަށް އެދުނީ އެކަށީގެންވާ ގޮތަށް އެ އަމުރަށް ތަބާވާތަން ނުފެންނާތީ ކަމަށެވެ.

"އެހެންވީމަ މިހާރު ޕާޓީގެ މެމްބަރުންތަކެއް އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން އެ އަމުރު ތަންފީޒު ކޮށްދިނުމަށްޓަކައި އަނެއްކާވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އަޅުގަނޑު ފާހަގަކޮށްލަން،" ހަލީލް ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅި ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ޕީޕީއެމްއާ ދެކޮޅަށް އެ މައްސަލަ ކުރިން ހުށަހެޅުއްވީ އެޕާޓީއަށް ނިސަބަތްވާ ދެ މަޖިލިސް މެމްބަރުން ކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. ދެ މެމްބަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ރައީސް މައުމޫނުގެ އިސްލާހީ އެޖެންޑާގައި ހުރި ކަންކަން ބާތިލްކޮށްދިނުމަށް އެދި އެވެ.

ސިވިލް ކޯޓުން މިދިޔަ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ސިވިލް ކޯޓަށް ޕީޕީއެމްގެ ދެ މެމްބަރަކު ހުށަހަޅާފައިވާ މައްސަލާގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެެއް ކުރަންދެން ޕީޕީއެމްގެ އެއްވެސް ގުނަވަނެއްގެ ބައްދަލުވުމެއް ނުބޭއްވުމަށް އަންގާފައިވާ އެންގުން ވަގުތީގޮތުން ފަސްކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގެ ތިން ޝަރުތަކަށާއި ޝަރީއަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުގެ ހައެއްގެ 295 ވަނަ މާއްދާއާ ހަވާލާދީ އެވެ. އަދި އަމުރު ނެރުމުގައި އަދާލަތުގެ ހަމައަށްވެސް ރިއާޔަތްކޮށްފައިވެ އެވެ.

އަމުރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫނާއި އެޕާޓީގެ ކައުންސިލާއި އެންމެހާ ގުނަވަންތައް ހިމެނެ އެވެ.

ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ރައީސް މައުމޫނު އަތްޕުޅަށް ނެންގެވީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިޑް ނުކޮށް ރަށްތައް ދޫކުރުމުގެ ބިލު ފާސްކުރުމަށް ވޯޓު ނުދެއްވުމަށް ޕާޓީގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިފައިވަނިކޮށް އެ އެދުމަށް ގޮން ޖައްސަވައި ބިލް ފާސްކުރުމާ ގުޅިގެން ހިނގައިދިޔަ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައެވެ.

އޭގެ ފަހުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވި ނަމަވެސް ރައީސް ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ކައުންސިލް ބައްދަލުވުން ދޫކުރައްވައި ވަޑައިގެންފައެވެ. އަދި އޭގެފަހުން ކައުންސިލް ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.