ސްރީލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ކްލަބު އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ހަމަޖައްސައިފިއެވެ.

ލަންކާ ގައުމީ ޓީމުގެ ގޯލް ބަލަހައްޓަމުންދާ ކީޕަރު ސުޖަން ކެޕްޓަނަކަށް ހަމަޖެއްސި އިރު، އޭނާ ދަނީ އީގަލްސްއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރަސްމީކޮށް ސުޖަންއަށް ލަންކާ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް ދިން ފަހުން އެޓީމުން މެޗެއް ކުޅެފައިވެއެވެ. ރަށުން ބޭރުގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު އެ މެޗުން ލަންކާ މޮޅުވެފައިވަނީ 4-0 ލަނޑުންނެވެ.

އީގަލްސްގެ އިތުރުން ލަންކާގެ ގައުމީ ޓީމަށް ވެސް ސުޖަން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާގައި ކުރިއަށްދިޔަ ސާފް ސުޒުކީ ކަޕްގައި ލަންކާ ޓީމަށް ސުޖަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

އެންމެ ފުރަތަމަ އުރީދޫ ދިވެހި ޕްރިމިއާ ލީގުން ސުޖަން ފެނިފައިވަނީ މިދިޔަ އަހަރު އެވެ. އޭރު އީގަލްސްގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލަށް އަނިޔާވުމާ ގުޅިގެން ފުރަތަމަ ގޯލް ބަލަހައްޓަމުން ދިޔައީ އިބްރާހިމް ލަބާން ޝަރީފެވެ.

އީގަލްސްއަށް ސުޖަން ގެންނަން މަޖުބޫރުވީ މިދިޔަ އަހަރު މޭޑޭ މުޒާހަރާގެ ބައިވެރިން ހަމަލާދިން ފުލުސް މީހާ ވައްޓާލި ކަމުގެ ތުހުމަތުގައި ފުލުހުން ލަބާން ހައްޔަރުކުރުމާ ގުޅިގެންނެވެ. އެއާއެކު އީގަލްސް އިން ވަނީ ލަބާން އާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު ލަންކާގެ ކީޕަރު ސުޖަން ގެނެސްފައެވެ.

އީގަލްސްއަށް ސުޖަން ކުޅުނު ފުރަތަމަ މެޗުން ފެށިގެން މިއަދާ ހަމައަށް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.