08 Jun 2011, 17:07
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު، ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން އިހްމާލްވެ، މަޖިލީހުން އެކަމަށް ސަމާލުކަން ނުދިނުމުން ރާއްޖޭގެ ފަތުރުވެރިންކަން ބައިނަލްއަގުވާމީ ދުނިގޭގައި އަގުވެއްޓި، "ވާވަވެފައިވާ" ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ސިޔާމް )ސަން ޓްރެވަލް ސިޔާމް( ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭއާ ވާދަކުރަމުން ދިޔަ ގައުމުތަކުން ޓޫރިޒަމް އިންޓަސްޓްރީ ފަހަނައަޅައި ކުރިއަރައި ގޮސްފައިވާ ކަމަށެވެ. އެގޮތުން ސިރީލަންކާ އާއި މޮރިޝަސްގެ އިތުރުން ސީޝަލް ފަދަ ގައުމުތަކުން ރާއްޖެ އަށް ވުރެމާ ވާދަވެރިކޮށް ފަތުރުވެރިކަމުގައި ބައިނަލްއަގުވާމީ ދުނިޔޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުން އެ ގައުމުތަކަށް މިސްރާބުޖަހާފައިވާ ކަމަށާއި ނަތީއްޖާއެއްގެ ގޮތުން ރާއްޖޭގެ ބައެއް އިންވެސްޓަރުން ވެސް އެ ގައުމުތަކުގައި އެތައް މިލިއަން ޑޮލަރެއް ހަރަދު ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ކަންތައްތައް ހިގަމުންދަނީ ގައުމު ހިންގަންތިބި ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް އޮޅުވާލަމުންދާތީ ކަމަށް ވިދާޅުވި އެވެ.
"މި ގައުމު ހިންގަންތިބި ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ރައްޔިތުންނަށް ހަގީގަތުގައި އޮޅުވާލަނީ. ނޮއޮޅުވާލައި މިކަންތައްތައް ކުރި ނަމަ ބޭރަށް މިދާ ފައިސާ ނޫން ނަމަ ސިލޯން އިންޑިއާ ފަދަ ތަންތަނަށް ކުރާ ހަރަދު ދިވެހިރާއްޖޭގައި ނެހެދި ހުރި، ރިސޯޓްތައް ހަދަމުން ގެންދާނެ. މިއީ ހަގީގަތުގައި އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭނެ ކަމެއް. މިއަދު އަޅުގަނޑުމެން މިތިބީ މުޅި އިންޓަސްޓްރީ ހަގީގަތުގައި ވާވެފައި. ވިހަތަކުން ވިހަލެވިފައި. އެހެންވީމާ މިވިހަތަކުން ފޮހެލުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް،" ފަތުރުވެރިކަމުގެ ދާއިރާގައި، ބޮޑެތި ހަރަދުތަކެއްކޮށް، ހަތަރު ރިސޯޓް ރާއްޖޭއި ހިންގަވަމުންގެންދަވާ ވިޔަފާރިވެރިޔާ ސިޔާމް ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކޮޅަށް ޖެހުމަށް މަސައްކަތް ފަށައިގަންނައިރު، ވިޔަފާރިވެރިންނަށް ދިމާވާން އުޅޭ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ސިޔާމް ވިދާޅުވީ ވިޔަފާރިވެރިންގެ އަތުން ނަގަން މިއުޅޭ ބޮޑެތި ޓެކްސްތަކަކީ ތަހަންމަލް ކުރެވޭނެ އެއްޗެއްތޯ ބަލަންޖެހިފައިވާ ކަމަށެވެ.
ފާއިތުވެގެންދިޔަ ތާންގައި ދިވެހި އިގްތިސާދުގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑު ޓެކުހެއް ދެމުންދިޔައީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ކަމަށް ސިޔާމް ވިދާޅުވި އެވެ. އަދި މިހާރު ވެސް ގިނަ ޓެކްސް ސަރުކާރަށް ނުދެއްކިގެން ވިޔަފާރިވެރިން ތިބެންޖެހިފައި ވަނީ ވެސް ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ "ބަލިމަޑުކަމުން" ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ބޭރު ގައުމުތަކަށް އިޝްތިހާރު ކުރުމަށްޓަކައި އެއް މިލިއަން ޑޮލަރު ވެސް މި އަހަރު ނެތް ކަމަށް ވިދާޅުވެ، ޝިޔާމް ވިދާޅުވީ އިންޑިއާ، ސިރީލަންކާ ފަދަ ގައުމުތަކުން 55 މިލިއަން ޑޮލަރު އިޝްތިހާރު ކުރުމަށް ހަރަދުކުރަމުންދާ ކަމަށެވެ. އަދި ރާއްޖެ އިޝްތިހާރު ނުކުރުމުގެ ސަބަބުން "ރަން ގަނޑެއް" ހިލަގަނޑަކަށް ބަދަލުވެފައިވާ ކަމަށާއި އެކަމުގެ ނަތީއްޖާ ވެސް ވަރަށް ހިތި ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ޔޫރަޕްގެ ގައުމުތަކުގައި ރާއްޖޭގެ "އިތުބާރު ގެއްލި އަގު ވެއްޓި"ފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ފޮނަދޫ ދާއިރާގެ ޕީއޭ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި އިސްލާހުގައި އެ ގާނޫނުގެ )8( މާއްދާގެ )ނ، ރ( އިސްލާހު ކުރުމަށް ހުށަހެޅުއްވި އެވެ. އިސްލާހުގައި ބުނަނީ ރަށެއް ނުވަތަ ބިމެއްގެ ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި އެދިއްޖެ ނަމަ ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާގެ )ރ( ގައިވާ ގޮތުގެ މަތިން އެކަން ކޮށްދޭންވާނެ ކަމަށެވެ. އަދި ކުއްޔަށް ދޫކުރާ ރަށްރަށުގެ މުއްދަތު އިތުރުކޮށްދޭނީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން ނަގާ ކުލީގެ އިތުރުން މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް 100000 ޑޮލަރުގެ ފީއެއް ދޭ ގޮތަށެވެ. އަދި އިތުރުކުރެވޭ އަހަރުތަކަށް ބަލައި، އަހަރަކަށް ޖެހޭވަރު ކޮންމެ އެ އަހަރަކު ދައްކައި ހަލާސްކުރާ ގޮތަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ކުރިން ވެސް ގާނޫނުގައި ވަނީ އެ ފައިސާ ކޮންމެ އަހަރަކު ދައްކައި ހަލާސް ކުރާ ގޮތަށް މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަން ތަފުސީލުކޮށް ނެތުމުން ޓޫރިޒަމް މިނިސްޓްރީން ތަންތަނުގެ މުއްދަތު 50 އަހަރަށް އިތުރުކޮށްދެނީ އެއް ފަހަރާ ފައިސާ ދެއްކުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި އިސްލާހަށް ސަރުކާރު ހިންގާ އެމްޑީޕީގެ ޕަލަންޓޭރިއަނުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ރާއްޖޭގައި ރިސޯޓްތައް ހިންގާ ވިޔަފާރިވެރިންނަކީ ޒިންމާދާރު ބައެއް ނޫން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ ވިދާޅުވި އެވެ. އަދި އެ ވިޔަފާރިވެރިންގެ ސަބަބުން ސަރުކާރަށް ލިބެން ޖެހޭ ފައިސާ އަށް ހުރަސްއެޅެމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
"މިހާރު އެ ރިސޯޓްތައް ހިންގަމުންދާ އެ ވިޔަފާރިވެރިން މިހާރު އެހިންގާ ޒާތައް ހިންގާ އިތުރަށް ފުރުސަތު ދީފި ކަމުގައި ވެއްޖެއްޔާމުން އެއްވެސް ކުރިއެރުމެއް އިގްތިސާދަކަށް ނުވަތަ ޒުވާނަކަށް ނުވަތަ ވަޒީފާގެ ގޮތަކުން ކުރިއަށް އަންނާނެތަނެއް އަޅުގަނޑަކަށް ނުފެނޭ. މިހާރު ރިސޯޓްތައް ހިންގަމުން އެގެންދަނީ ޒިންމާދާރު ފިޔަފާރިވެރިންނެކޭ ދެންނެވޭކަން ނެތް. މިސާލުން އަޅުގަނޑުމެން ބަލާލަން ހިނގާ. ރަންގަލި ރިސޯޓުން ކްރައުން ކުންފުނިން 29 ޒުވާނުން ކުއްލިއަކަށް ވަޒީފާ އިން ވަކިކުރީ. މިސާލުން ދަންނަވާ ނަމަ މަހުން މަހަށް ކިތައް މަހަށްތޯ މުވައްޒަފުންނާ މުސާރަނުދީ އެތިބެނީ،" ވިޔަފާރިވެރިނަށް ފާޑު ވިދާޅުވެ އީވާ މަޖިލީހުގައި މިއަދު ވިދާޅުވި އެވެ.