14 Oct 2016, 19:16
ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވި ނަމަވެސް އަދިވެސް ރާއްޖެއާއެކު މަސައްކަތްކުރުމަށް އިނގިރޭސިވިލާތުން ތައްޔާރަށް އޮތްކަމަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒް ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު، ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ އެއީ "ވަރަށް ދަތި އުނދަގޫ، ނަމަވެސް ގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށްޓަކައި" ނިންމި ނިންމުމެއް ކަމަށެވެ.
ދިވެހި ސަރުކާރުގެ މި ނިންމުމާ ގުޅިގެން އިނގިރޭސި ފޮރިން ސެކްރެޓަރީ ވިދާޅުވީ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަކީ ގަބޫލުކުރަން ދަތި އަދި ހިތާމަވެރި ނިންމުމެއް ކަމަށެވެ.
"ކޮމަންވެލްތުން ވަކިވާން ދިވެހިރާއްޖޭން ނިންމުމުން އިނގިރޭސިވިލާތުން އެކަމާ ހިތާމަކުރަން،" ބޮރިސް ޖޯންސަން ނެރުއްވި ބަޔާނެއްގައި ވެއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބުކުރެއްވި ލީޑަރު، މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ހަލަބޮލިކަން ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ކަމަށެވެ.
"ކޮމަންވެލްތުން އެ ޖަމިއްޔާގެ މެންބަރު ގައުމުތަކާއި އެ ގައުމުތަކުގެ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ކުރާމަސައްކަތްތައް އަހަރެމެން ފާހަގަކުރަން. ކޮމަންވެލްތަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއް ބިނާކޮށް، ހަމަޖެހުމާއި އުފާވެރިކަން ގާއިމުކުރުމަށް ޚާއްސަކުރެވިފައިވާ ޖަމާއަތެއް. ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމުމުން ހިތާމަކުރަން،"
އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، ހާއްސަކޮށް މީޑިއާގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިއްބައިދީ، ޝަރުއީ ދާއިރާގެ މިނިވިވަންކަން ހަރުދަނާކުރުމަށް އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިވާނޭ ކަމަށެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމި ނިންމުމާ ގުޅޭގޮތުން، ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ހާލު، އެކަމާ ހިތާމަ ކުރާ ކަމަށެވެ.
"ކޮމަންވެލްތު ޗާޓަރުން ހާމަވަނީ މެމްބަރު ގައުމުތަކުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ތަރައްގީ ކުރިއެރުވުމަށް ކުރާ މަސައްކަތް. ކޮމަންވެލްތުން މި އަސާސުތައް ހާސިލުކުރުމަށާއި، ހުރިހާ މެމްބަރު ގައުމުތަކުން އެކަން ހާސިލުކުރުމަށް ހިތްވަރު ދޭނަން. އަދި މިކަންކަން ނަގަހައްޓައި، ރައްޔިތުންނަށް އެކަންކަމުގެ ފައިދާ ލިބޭނެކަން ޔަގީންކުރާނަން،" ޕެޓްރީޝާ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ކޮމަންވެލްތުން ރާއްޖެއާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.
ސަރުކާރުން ބުނީ ރާއްޖެއިން ދިޔައީ ކޮމަންވެލްތުން އެދުނު ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ކޮމަންވެލްތަށް ދީފައެވެ.
"ދިވެހި ސަރުކާރުން އުއްމީދުކުރަމުން ދިޔައީ މިފަދަ އެއްބާރުލުމެއްގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރަނިވި ނަތީޖާތަކެއް ފެނިގެންދާނެ ކަމަށް. ނަމަވެސް ހިތާމަޔަކީ، ޑިމޮކްރެސީގެ ސަގާފަތެއް ބިނާކުރުމަށާއި ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށް ކޮށްފައިވާ ގިނަގުނަ މަސައްކަތްތައް ކޮމަންވެލްތުން ބަލައިގެންފައިނުވާކަން،" ސަރުކާރުން ބުންޏެވެ.