14 Oct 2016, 18:25
ފުވައްމުލައް ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް އެރަށު ބަނދަރުގައި އޮތް ދޯންޏަކަށް އަރައިފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މިއަދު މެންދުރު 2:30 އެހާކަންހާއިރު ފުވައްމުލަކުގައި އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މިއަދު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ދެމީހުންވެސް އެ ހޮސްޕިޓަލަށް ފަރުވާއަށް ގެނައި ކަމަށެވެ. އަދި ވިދާޅުވީ، އެތަނުން އެކަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. ދެވަނަ މީހާއަށް އަދިވެސް އަންނަނީ ފަރުވާ ދެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. އަދި އެމީހުންގެ ވަނަވަރެއް ވެސް ހާމައެއް ނުކުރެ އެވެ.