ޕީޕީއެމުން ކުރިމަތިލާ އެއްވެސް އިންތިހާބެއްގައި ބައިވެރިވާ އެއްވެސް ކެންޑިޑޭޓެއްގެ އަތުން ފީއެއް ނަގާފައި ނުވާނެ ކަމަށް އެޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މުންދު ވިދާޅުވީ، މީގެކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓުންގެ އަތުން ފީއެއް ނަގާފައިވާ ކަމަށް ބުނެ، ޕީޕީއެމްގެ ބައެއް ވައިބާ ގްރޫޕުތަކުގައި ދައުރުވާ ސިޓީއަކީ ސައްހަ ސިޓީއެއް ނޫން ކަމަށެވެ.

"ނޯންނާނެ. ނޯންނާނެ ފީއެއް ނަގާފައެއް. އަޅުގަނޑުވެސް ދުށިން އަޅުގަނޑުމެންގެ ނައިބު ރައީސް އަބްދުއްރަހީމްގެ އިސްތަށިފުޅުގައި އެ އިލްޒާމު އަޅުވާފައި ވަނިކޮށް 2014ވަނަ އަހަރު. އެބުނާ ކޮމެޓީއެއްގައި އިން މީހެއް އަޅުގަނޑަކީ. އެއްވެސް އިރެއްގައި އަޅުގަނޑުމެން ނޯންނާނެ އިންތިހާބެއްގައި ކުރިމަތިލާ ކެންޑިޑޭޓެއްގެ އަތުން ފީއެއް ނަގާފައެއް،" މުންދު ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތްވެސް ކުރެއްވި މުންދު ވިދާޅުވީ، ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަރަދުކޮށްފައި ވާނީ ޕާޓީގެ ތެރެއިން ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދިޔައީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބެއްލެވުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ، ކެންޑިޑޭޓުންގެ އަތުން ފީއެއް ނަގާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ އަބްދުއްރަހީމްގެ އަބުރަށް ހުތުރުވާ ގޮތަށް ދައްކަމުންދާ ދޮގު ތުހުމަތެއް ކަމަށެވެ.

"އެކަން ސާބިތުކޮށްދެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. އެއީ އަޅުގަނޑަކީ އެބުނާ ކޮމެޓީގައި މަސައްކަތް ކުރި މީހެއް. ފައިސާއެއް ނޯންނާނެ ޕާޓީން ނަގާފައެއް،" މުންދު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގަައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުގެ އަތުން ނަގަން ނިންމާފައިވާ އިދާރީ ފީ ނުނަގާނެ ކަމަށެވެ.