ކުރިޔަށް އޮތް ދިރާސީ އާ އަހަރަށް، މާލެ ސިޓީގައި ހުރި ސަރުކާރު ސްކޫލްތަކަށް ކުދީން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މާލެއާއި، ހުޅުމާލެއާއި، ވިލިނގިލީގެ ޕްރީ ސްކޫލްތަކުން ގްރޭޑް އެކަށް ބަދަލުވާ ކުދިންނާއި ގްރޭޑް ހަތަކުން އަށަކަށް ބަދަލުވާ ކުދީން މާލެއާއި، ހުޅުމާލެއާއި، ވިލިނގިލީގެ ސްކޫލްތަކުގައި ރަޖިސްޓަރީކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ފަށާފައިވާކަމަށެވެ.

13 ޖެނުއަރީ 2016: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން. އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އެ ސްކޫލްގެ އެސެމްބްލީގައި --- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މީގެ އިތުރުން 2017 ވަނައަހަރު މާލެއާއި، ހުޅުމާލެއާއި، ވިލިނގިލީގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާކަމަށް މިސްނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ، އަންނަ އަހަރު މާލެއާއި ހުޅުމާލެއާއި ވިލިނގިލީގެ ސަރުކާރު ސްކޫތަކަށް ދަރިވަރުން ވައްދަން އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ ފަސް ވަނަ ދުވަހު، އޮފީސް ބަންދުވުމުގެ ކުރިން އެ މިނިސްޓްރީއަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.

"ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެން،" މިނިސްޓްރީން ކުރި އިއުލާނެއްގައި ވެއެވެ.

13 ޖެނުއަރީ 2016: ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން. ކަލާފާނު ސްކޫލްގެ ދަރިވަރުންތަކެއް މުދައްރިސުންނާއެކު ސްކޫލްގެ ހޯލްތެރޭގައި--- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ އަަހަރު މާލޭ އޭރިޔާގެ ސްކޫލްތަކަށް ދަރިވަރުން ވައްދަން އެދޭ ފޯމު އެ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނެ ކަމަށެވެ. އަދި އެ ފޯމު މިނިސްޓްރީގެވެބްސައިޓުންޑައުންލޯޑް ކުރެވޭނޭ ކަަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރުވެސް މާލޭގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ވަނުމަށް 3000 އަށްވުރެ ގިނަ ކުދިން އެދުނު ކަމަށާއި އެހުރިހާ ކުދިންނަށްވެސް ސްކޫލްތަކުން ޖާގަ ދެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވަނީ ބުނެފައެވެ.

މާލޭގެ ސްކޫލްތަކުން ޖާގަ ހޯދުމުގެ މައްސަލައިގައި މިދިޔަ އަހަރުވެސް ގިނަ ބައެއްގެ ޝަކުވާތައް މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރީން ބުނެފައި ވަނީ، އެފަދަ މައްސަލަތައް ދިމާވަނީ އަހަރުން އަހަރަށް މާލެއަށް ބަދަލުވާ ކުދިންގެ ނިސްބަތް އިތުރުވާތީ ކަމަށެވެ.