14 Oct 2016, 17:30
ސްޕެއިންގެ ބާސެލޯނާ ދޫކޮށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ ދާނެ ދުވަހަކީ ބައްޕައަކު މަރުވުން ފަދަ ކަމެއްގެ ގޮތުގައި އެ ކްލަބުގެ ޑިފެންޑަރު ޖެރާޑް ޕީކޭ ސިފަކޮށްފި އެވެ.
ބާސާގެ ޔޫތު އެކަޑަމީގައި ދުވަސްތަކެއް ހޭދަކުރި މެސީ ވަނީ ސީނިއާ ލެވަލްގައި ކުޅެން ފެށިތާ ގިނަ ދުވަސްތަކެއް ނުވެ، ބާސެލޯނާ އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
"މެސީ އަކީ މުޅިން ތަފާތު ކުޅުންތެރިއެއް. އޭނާ ކްލަބު ދޫކޮށް ދާނެ ދުވަހަކީ ބައްޕައަކު މަރުވުން ފަދަ ކަމަކަށް ވާނެ. އެ ދުވަހަކީ ވަރަށް އުނދަގޫ ދުވަސްތަކަކަށް ވާނެ. އަހަރެމެންނަށް މިއަދު މެސީގެ ވާހަކަ ދެއްކިދާނެ. އެކަމަކު ކޮންމެވެސް ދުވަހަކު އޭނާ ކްލަބު ދޫކޮށް ދާނެ،" ސްޕެއިން ޑިފެންޑަރު ޕީކޭ ބުންޏެވެ.
ޕީކޭ ބުނީ، ބާސާ ދޫކޮށް މެސީ ގޮސްފިނަމަ އެ ކްލަބުން ވަރަށް ބޮޑު އުނިކަމެއް ފެންނާނެ ކަމަށާއި އެފަދަ ދެ ވަނަ މެސީއެއް އުފެދިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
މިހާތަނަށް މެސީ ވަނީ އޭނާގެ ކްލަބު ކެރިޔަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފަސް ފަހަރަކު މެސީ ހޯދާފައިވެ އެވެ.