ބެންކޮކް(އޮކްޓޯބަރ 14): ތައިލެންޑްގެ ރަސްކަމަށް އިސްވެ ވަޑައިގަތުމުގެ ކުރިން އެކަމަށް ތައްޔާރުވެ ވެޑައިގަތުމަށް ވަގުތު ބޭނުންވާކަމަށް އެގައުމުގެ ވަލީއުލްއަހްދު މަހާ ވަޖިރަލުންގްކޯން ވަނީ ވިދާޅުވެފައެވެ.

ބައްޕާފުޅު ބުމިބޯލް ރަސްގެފާނުގެ އާލާސްކަންފުޅު ބޮޑުވެ ލަސްތަކެއްނުވެ އަވަހާރަވެދާނެ ކަމަށް ޑޮކްޓަރުން ހާމަކުރިއިރު ވަލީއުލްއަހްދު މަހާ ވަޖިރަލުންގްކޯން ހުންނެވީ ޖަރުމަނުގައެވެ. މިއާއެކު ސައުވީސް ގަޑީއިރުވެސް ނުވަނީސް ވަޖިރަލުންގްކޯން ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބައްޕާފުޅު އަވަހާރަވުމަށްފަހު، އުމުރުން ފަސްދޮޅަސް ހަތަރު އަހަރުގެ ވަޖިރަލުންގްކޯން ވިދާޅުވީ، ރަސްކަމަށް އިސްވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާ ކަމަށާއި ނަމަވެސް އެކަމަށް ވަގުތު ބޭނުންވާ ކަމުގައެވެ.

ތައިލެންޑްގެ ބޮޑުވަޒީރު އަދި ސިފައިންގެ ވެރިޔާ ޖެނެރަލް ބްރަޔޮތް ޗާންއޮޗާ ވަނީ ތައިލެންޑްގެ ރަސްކަމުގެ މަގާމަށް އިސްވެ ވަޑައިގަންނަވާނީ ވަލީއުލްއަހްދު މަހާ ވަޖިރަލުންގްކޯން ކަން އިޢުލާން ކުރައްވާފައެވެ. އަދި އޭނާއާ ރަސްކަމުގެ ތަޚްތައް އިސްކުރުމުގެ ކަންތައް ސަރުކާރުން ކުރިޔަށްގެންދާނެ ކަމަށްވެސް ތައި ސަރުކާރުން ނެރުނު ބަޔާނެއްގައި ޖެނެރަލް ޗާންއޮޗާ ވިދާޅުވެފައިވެއެވެ.

ތައިލެންޑްގެ ޝާހީ އާއިލާ

ތައިލެންޑްގެ ވަލީއުލްއަހްދު ކަމުގެ މަގާމަށް މަހާ ވަޖިރަލުންގްކޯން އިސްކޮށްފައިވަނީ 1972 ވަނަ އަހަރު އޭނާގެ ބައްޕަ ބުމިބޯލް ރަސްގެފާނެވެ. ބުމިބޯލް ރަސްގެފާނު އަވަހާރަވެފައިވަނީ އެތަށް އަހަރެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރަސްގެފާނު އަވަހާރަވުމާ ގުޅިގެން މުޅި ތައިލެންޑް ހިތާމައިގެ ހާލަތުގައިވާއިރު ވަޖިރަލުންގްކޯން ގެ ބޭނުމަކީ އޭނާ ރަސްކަމުގެ ތަޚްތަށް އިސްކުރުމުގެ ރަސްމިއްޔާތު ބައްޕަގެ ޖަނާޒާއަށްފަހު ބޭއްވުންކަމަށް ޚަބަރު ތައް ބުނެއެވެ.

ތައިލެންޑްގެ ގިނަ ރައްޔިތުންނަކީ މެދުފަންތިއަށްވުރެވެސް ފަގީރު ހާލަތުގައި ދިރިއުޅޭ ބައެއް ނަމަވެސް ދައުލަތުގެ ބަޖެޓުން ޝާހީ އާއިލާއަށް ކުރާ ޚަރަދުތައް ވަރަށްބޮޑެވެ. ތައި ޝާހީ އާއިލާއަކީ ދުނިޔޭގެ ގައުމުތަކުގައިވާ ޝާހީ އާއިލާތަކުގެ ތެރޭން އެންމެ މުއްސަނދި އެއް އާއިލާއެވެ. އެ އާއިލާގެ މިލްކިއްޔާތު އެތަށް ބިލިޔަން ޑޮލަރަކަށް އަރައެވެ. ތައިލެންޑްގެ ރަސްގެފާނަކީ މުގައްދަސް ޝަޚްސެއް ކަމަށް ގަބޫލުކުރާ އަގީދާއެއް ތައިލެންޑްގައި ފެތުރިފައިވުމުގެ ސަބަބުން ޝާހީ އާއިލާގެ މުއްސަނދިކަމާއި އެމީހުންގެ ޚަރަދުތަކާމެދު ރައްޔިތުންގެ މާބޮޑު ޝަކުވާއެއްނޯވެއެވެ.

ވަލީއުލްއަހްދު މަހާ ވަޖިރަލުންގްކޯން އަކީ އޭނާގެ ބައްޕަ ބުމިބޯލްފަދަ ކެރިޒްމާ ހުރި ބޭފުޅެއްނޫނެވެ. ބައްޕަ ފަދައިން އާންމުންނާ އަދި ޚާއްސަކޮށް ރައްފުށުގެ ފަގީރުންނާ ބައްދަލުކުރައްވައި އެމީހުންގެ ހާލުއަހުވާލު ބައްލަވައި އެމީހުންނަށް ކަންތައްތައް ފަސޭހަ ކޮށްދެއްވުގެ އާދަ ވަޖިރަލުންގްކޯންގެ ޝަޚްސިއްޔަތުގައި ނެތްކަމަށްވެއެވެ. ނަމަވެސް ގައުމުގެ ރަސްކަމަށް އިސްވެ ވަޑައިގަތުމުން ވަޖިރަލުންގްކޯން އާންމުންގެ އިހްތިރާމް މިހާރަށްވުރެ ބޮޑަށް ލިބިވަޑައިގަންނަވާނެ ކަމަށްވަނީ ބެލެވިފައެވެ.

ވަޖިރަލުންގްކޯންގެ ހަތް ދަރިކަލުން ތިއްބެވިއިރު އޭގެތެރޭގައި ހިމެނެނީ ހަތަރު ފިރިހެންކުދިންނާއި ތިން އަންހެންކުދިންނެވެ. ބުމިބޯލް ރަސްގެފާނާއި އަނބިކަނބަލުން ރާނީ ސިރީކިޓްގެ ދަރިންގެ ތެރެއިން ހަމައެކަނި ފިރިހެން ބޭފުޅަކީ ވަޖިރަލުންގްކޯން އެވެ. ތައިލެންޑްގެ ޝާހީ އާއިލާގެ ޘަގާފަތުގައި ރަސްކަމުގެ މަގާމަށް ރާނީއެއްގެ ގޮތުގައި އަންހެނުން އިސްކުރުމެއް ނޯވެއެވެ.

އަލަށް ރަސްކަމަށް އިސްވެ ވަޑައިގަންނަވާ ވަޖިރަލުންގްކޯން ތައްލީމް ޙާސިލް ކުރައްވާފައިވަނީ ޔޫރަޕްގެ ޝާހީ އާއިލާތަކަށް ޚާއްސަ ސްކޫލްތަކުގައެވެ. މަތީތައްލީމް ހާސިލްކުރައްވާފައިވަނީ ސައުތުވޭލްޒް ޔުނިވަރސިޓީންނެވެ. އަސްކަރީ ތައްލީމް ޙާސިލްކުރައްވާފައިވަނީ އޮސްޓްރޭލިޔާގެ ރޮޔަލް މިލިޓަރީ ކޮލެޖުންނެވެ. ވަޖިރަލުންގްކޯން އަކީ އަސްކަރީ ޕައިލެޓެކެވެ.

ވަލީއުލްއަހްދުގެ ތިންވަނަ އަނބިކަނބަލުން ސިރީ ރާސްމީ

ވަޖިރަލުންގްކޯން މިހާތަނަށް ތިން އަންހެން ބޭފުޅުންނާ ކައިވެނި ބައްލަވައިގެންފައިވާއިރު އޭނާގެ ތިންވަނަ އަނބިކަނބަލުން ޕްރިންސެސް ސިރީ ރާސްމީ ވަރިކުރައްވާފައިވަނީ 2014 ވަނަ އަހަރުގައެވެ. ސިރީ ރާސްމީއަކީ ފައިސާއާއި ތަނަވަސްކަމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއްކަމަށްވެއެވެ.

ވަޖިރަލުންގްކޯންގެ އަބިކަނބަލަކަށް ސިރީ ރާސްމީ ހުންނެވި ދުވަސްވަރު އެކަމަނާގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން އެކަމަނާގެ ބޭބެއިންނާއި ތިމާގެ ބޭފުޅުންނަށް ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި ކޮރަޕްޝަން ހިންގުމަށް މަގުފަހިކުރެއްވި ކަމުގެ ތުހުމަތު އެކަމަނާގެ މައްޗަށްވަނީ ކުރެވިފައެވެ.

ރާސްމީ ވަރިކުރެއްވުމާއެކު ތައި ފުލުހުންވަނީ އެކަމަނާގެ ބޭބެއިންނާއި ތިމާގެ އެތަށްބަޔަކު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. ނަމަވެސް އެމައްސަލާގައި ރާސްމީ ހައްޔަރުކޮށް އެއްވެސް ތަހްގީގެއް ހިންގާފައެއް ނުވެއެވެ.

ބުމިބޯލް ރަސްގެފާނު އަވަހާރަވުމާ ގުޅިގެން ތައިލެންޑްގެ އެތަށް ހާސްބަޔަކުވަނީ ބެންގްކޮކްގެ ސްރީރާޖް ހޮސްޕިޓަލްގެ ކައިރިއަށް އެއްވެފައެވެ. ނަމަވެސް ރަސްގެފާނުގެ ޖަނާޒާ ބާއްވާނެ ދުވަހެއް އަދި އިޢުލާންކޮށްފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)