ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން މަޝްހޫރު ދެ ރެސްޓޯރެންޓު، ރާވެރިޔާ އާއި ވެސްޓް ޕާކު ވެސް ބަންދުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ )އެމްއެފްޑީއޭ( އިން މިއަދު އަންގައިފި އެވެ.

ވެސްޓްޕާކް އާއި ރާވެރިޔާ ބަންދުކުރަން އަންގާފައިވަނީ، "އާއްމު ސާފުތާހިރުކަމުގެ މިންގަނޑު"ގެ ތެރެއަށް އެދެތަން ވެސް ނުފެފޭތީ ކަމުގައި އެމްއެފްޑީއޭން ބުނެ އެވެ.

އެ އޮތޯރިޓީގެ މީޑިއާ އޮފިޝަލް ޖަމީލާ މުހައްމަދު މިއަދު ވިދާޅުވީ، މިއަދު އެ އޮތޯރިޓީގެ ޓީމަކުން ގޮސް ބެލިބެލުމުން ވެސްޓްޕާކް ރެސްޓޯރެންޓް ތެރެއިން "ގިނައަދަދަކަށް" ބުޅަލާއި މެހި ފެނިފައިވާ ކަމަށެވެ.

"އެތަނުގައި ބުޅަލާއި މެހި ގިނަ އަދަދަކަށް ހުރި. ކައްކާތަނުގެ ތެރޭގައިވެސް. މެހީގެ ގޮތް އެނގިލައްވާނުންތޯ؟ އެއީ ތަޣައްޔަރުކުރުވާ އެއް ވަސީލަތް. އެހެންވީމަ މިކަހަލަ ސަބަބުތަކަށްޓަކައި އެތަން ބަންދުކުރީ،" ޖަމީލާ ވިދާޅުވި އެވެ.

ވެސްޓް ޕާކު ހިންގަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ. އެތަން މިހާރުވަނީ "ރެނޮވޭޝަން" މަސައްކަތް ކުރަންވެގެން ކަމަށް ބުނެ ނޯޓިސްއެއް ބަހައްޓައި، ބަންދުކޮށްފަ އެވެ.

ރާވެރިޔާ ރެސްޓޯރެންޓު ބަންދުކުރަން އަންގާފައިވަނީ އެތަނުގެ ބަދިގެ ތެރެއިންނާއި އަދި ކާބޯތަކެތި ސާވްކުރާ ސަރަހައްދުން ގިނަ އަދަދެއްގެ ސޫފާ ސޫފި ފެނިފައިވާތީ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިޝަލް ވިދާޅުވި އެވެ.

"އެތަން ބަންދުކުރީވެސް ސާފުތާހިރުކަން ކުޑަވެގެން. އެތަނުގައި ސޫފާ ސޫފިވެސް ގިނަ އަދަދަކަށް ހުރި. މިސާލަކަށް ހޯނު ފަދަ އެއްޗެހި ކާބޯތަކެތި ހަދާ ސަރަހައްދާއި ސާވިން އޭރިޔާއާއި މިހުރިހާ ސަރަހައްދުން ފެނިފައި ހުރި،" ޖަމީލާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރާވެރިޔާ ރެސްޓޯރެންޓަށް ދޫކޮށްފައިވާ ހުއްދަ 2009 ވަނަ އަހަރު ހަމަވެފައިވާ ކަމަށާއި އެތަން މިއަދާ ޖެހެން ދެން ހިންގަމުން ގޮސްފައިވަނީ ހުއްދަ އާނުކޮށްކަން މިއަދު ފާހަގަކުރެވިފައިވާ ކަމަށް ވެސް ޖަމީލާ ވިދާޅުވި އެވެ.

"ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަށް މިތަނުން ދޭ ހުއްދައެއް އޮންނާނެ. އެބޭފުޅަށް ދީފައި އޮތް ހުއްދައިގެ ތާރީހުގައި މި އޮންނަނީ 2009 އެއް. އެހެންވީމަ މާނައަކީ އަޅުގަނޑުމެންގެ ހުއްދައެއް ނެތިއޭ އެތަން އެ ހިންގަނީ،" ޖަމީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހުއްދަ އާނުކޮށް އެތަން ހިންގާތަ އެހާ ގިނަ ދުވަސްވެފައިވާ ނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅޭނެ ބާރު ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިބިގެންނުވާ ކަމަށެވެ. މިހާރު ގަވައިދާ ހިލާފުވާ ފަރާތްތަކަށް އޮތޯރިޓީން ކަންކަން ރަނގަޅުކުރުމަށް އިލްތިމާސްކުރަނީ ކަމަށާއި އެގޮތުން ރާވެރިޔާގެ ހުއްދަ އާކުރުމަށް ވެސް އަންގާފައިވާނެ ކަމުގައި ޖަމީލާ ވިދާޅުވި އެވެ.

ހޮޓާ ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތި އުފައްދާ ވިއްކާ ތަންތަން ބެލުމަށް އެމްއެފްޑީއޭން ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 60 އަށް ވުރެ ގިން ތަންތަން ބަލައި ފާސްކޮށް، ހާބަރު ދެ ކަޑައަކާއި ތިން ހޮޓަލެއް ވަނީ ބަންދުކޮށްފަ އެވެ.