އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އައިއެޗްއެފް ޓްރޮފީގެ ޗެމްޕިއަންކަން އިންޑިއާ ހޯދި އިރު، ރާއްޖެއިން އެ މުބާރާތުގެ ހަ ވަނަ ހޯދައިފިއެވެ.

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ އެ މުބާރާތް އިއްޔެ ނިމިގެންދިޔަ އިރު، އަންހެން އަދި ފިރިހެނުންގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ އިންޑިއާ އެވެ. ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމު ހޯދާފައިވަނީ ހަ ވަނަ މަގާމެވެ.

އެ މުބާރާތުގެ ފިރިހެނުންގެ ރޭންކިންގެ ދެ ވަނަ ބަންގްލަދޭޝް އިން ހޯދިއިރު، ތިން ވަނަ ހޯދާފައިވަނީ ޕާކިސްތާނެވެ. ހަތަރު ވަނަ ނޭޕާލުން ހޯދި އިރު، ފަސް ވަނަ ހޯދާފައިވަނީ ސްރީލަންކާ އެވެ. އަދި ރާއްޖޭގެ ފަހަތުން ހަތް ވަނަ ހޯދާފައިވަނީ އަފްޣާނިސްތާނެވެ.

މުބާރާތުގެ އަންހެނުންގެ ރޭންކިންގެ ދެ ވަނަ ބަންގްލަދޭޝް ހޯދި އިރު، ތިން ވަނަ ހޯދާފައިވަނީ ޕާކިސްތާނެވެ. ހަތަރު ވަނަ ސްރީލަންކާ ހޯދި އިރު، ފަސް ވަނަ ހޯދާފައިވަނީ ނޭޕާލެވެ. އަދި ރާއްޖޭގެ ފަހަތުން ހަތް ވަނަ ހޯދާފައިވަނީ އަފްޣާނިސްތާނެވެ.

އެ މުބާރާތުގައި ރާއްޖޭގެ ޒުވާން އަންހެން އަދި ފިރިހެން ޓީމުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވެ އެވެ. އެގޮތުން މެޗުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވާދަވެރި ކުޅުމެއް ރާއްޖެ އިން ދައްކާފައިވެ އެވެ. އެ މުބާރާތުގައި ވާދަކުރި ގިނަ ޓީމުތަކެއްގައި ސީނިއާ ކުޅުންތެރިންތަކެއް ހިމަނާފައިވެއެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަންގެ ފަރާތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފަރާތުން މި އަހަރު ވާދަކޮށްފައިވަނީ 19 އަހަރުން ދަށުގެ އަންހެން ޓީމަކާއި 20 އަހަރުން ދަށުގެ ޓީމެކެވެ.

އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި ބ. ގޮއިދޫގައި ސްކޫލްގެ ތިން ދަރިވަރުން ހިމެނޭ އިރު، އަންހެން ޓީމުގައި ވެސް އެ ސްކޫލްގެ ދަރިވަރެއް ހިމެނެ އެވެ. ފިިރިހެން ޓީމުގެ ހަތަރު ކުޅުންތެރިން ފިޔަވާ ދެން ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނެވެ. އަދި އަންހެން ޓީމުގައި ހިމެނޭ އެއް ކުޅުންތެރިޔަކު ފިޔަވައި ދެން ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނެވެ.