14 Oct 2016, 13:33
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ފަށައިފި އެވެ.
އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ސޯޝަލް ސެންޓަރު ބޭރު ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގައި އިއްޔެ ތިން މެޗެއް ކުޅެފައިވެ އެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ. އެ މެޗު 8-58 އިން ކާމިޔާބުކޮށްފައިވަނީ މީރާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މީރާގެ ޒުރުވަތު މުހައްމަދު ޒާހިރެވެ.
އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ އާސަންދަ ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ. އެ މެޗު 2-37 އިން ކާމިޔާބުކޮށްފައިވަނީ އާސަންދައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އާސަންދަގެ ފާތިމަތު ނައުފާއެވެ.
އިއްޔެ ކުޅުނު ފަހު މެޗުގައި ބައްދަލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. އެ މެޗު 14-21 އިން ކާމިޔާބުކޮށްފައިވަނީ އެޗްޑީސީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެޗްޑީސީގެ ފާތިމަތު ނާޒިމާއެވެ.
އެ މުބާރާތުގެ ދެވަނަ ޑިވިޝަންގެ މެޗުތައް މިހާރު ކުރިއަށްދާ އިރު، އެ ޑިވިޝަންގެ ގަދަ ހަތަރު ޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގައެއް ލިބޭނެއެވެ. އެ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އޮޓޮމެޓިކް ޖާގައެއް ލިބޭނީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީން ޖާގަ ހޯދި ހަތަރު ޓީމަށެވެ.