ދުނިޔޭގެ އެދުންތަކަށް އިންސާނުން ހެއްލެނީ ދުނިޔޭގައި ތަނަވަސްކަމާއި ހިތްފަސޭހަ ކަމުގައި އުޅުމަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައި ވަނީ އުހުރަވީ ހަޔާތުގެ މައްޗަށެވެ. މައިގަނޑު ގޮތެއްގައި މިއަދުގެ ހުތުބާގައި ބަޔާންކޮށްފައި ވަނީ ހަގީގީ ހަޔާތަކީ އުހުރަވީ ހަޔާތް ކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ މީހެއްގެ ދިރިއުޅުން ބާއްޖަވެރި ދިރިއުޅުމަކަށް ވާނީ މާތްﷲ އަށް ތަގުވާވެރިވެގެން ކަމަށެވެ. އަދި އެކަލާނގެއަށް އަދާކުރަންޖެހޭ އަޅުކަންތަކަށް ފަރުވާތެރިވެ ސަމާލުވެގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ބުނީ މާތްﷲ ގެ މަގުން މޫނު އަނބުރާލައިފި މީހެއްގެ ދިިރިއުޅުން އެކަލާނގެ ދަތިކުރައްވާނެ ކަމަށެވެ.

"ދުނިޔަވީ އެދުންތަކުގައި މަޝްއޫލުވެ އުހުރަވީ ހަޔާތް ހަނދާން ނައްތައިނުލަމާ ހެއްޔެވެ. ތިމާއަށް ލިބިފައިވާ މުދަލާއި ދަރިންނަކީ މާތްﷲ ގެ މަގުން ތިބާ އެއްކިބާކުރާ އެއްޗެއް ކަމުގައި ނުހަދަމާ ހެއްޔެވެ. އެއިރުން މާތްﷲ އަޅަމެންގެ މައްޗަށް އެކަލާނގެ ބަރަކާތުގެ ދޮރުތައް ހުޅުއްވައި ދެއްވާނެ އެވެ.،" ހުތުބާގައި ބުނެފައިވެ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ ދުނިޔޭގެ ކެހިވެރިކަމުގައި ޖެހި އުހުރަވީ ހަޔާތް ބަރުބާދު ނުކުރުމަށް މުސްލިމު އަހުންނާއި އުހުތުންނަށް އިލްތިމާސްކޮށްފައެވެ.

ހުތުބާގައި ބުނެފައިވަނީ، މުޖުތަމައުގެ ބައެއް އަފުރާދުންގެ އަމަލުތައް ހުންނަނީ ހިތާމަވެރި ގޮތަކަށް ކަމަށާއި އެގޮތުން، އެފަދަ ފަރާތްތަކުން ދުނިޔެއާ މެދު ދަހިވެތިވެފައި ވަނީ އަޖާއިބުވެ އަންތަރީސްވާ މިންވަރަކަށް ކަމަށެވެ.

"މުދަލާއި މަޝްއޫލުވުމުގެ ސަބަބުން އެފަދަ މީހުންނަށް ނަމާދު ކުރާކަށް ވަގުތެއް ނޯވެއެވެ. މުދާ ހޯދުމުގައި ހަރާމެއް ހަލާލެއް ބެލުމެއް ނެތެވެ. މީހެއްގެ ހައްގަކަށް އަރައިގަތުން އެއީ ބޮޑުކަމެއް ކަމަކަށް އެފަދަ މީހުނެއް ނުދެކެ އެވެ. އަދި ކިއެއްތަ، ތިމާއަށް ލިބޭ ދުނިޔެވީ ކުޑަ ފައިދާއަކަށްޓަކައި ތިމާގެ މުސްލިމު އަހާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ކަމުގައިވިއަސް އަޅާލުމެއް ނެތެވެ. ފައިސާ ލިބޭނަމަ މުޅި މުޖުތަމައު ހަލާކުވެގެން ދިޔަަނަމަވެސް ފަރުވާލެއް ނެތެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ދުނިޔޭގައި އިންސާނާ ކިތަންމެ ބައިވަރު މުދަލެއް ހޯދިކަމުގައިވިޔަސް އެ މުދަލަކީ ވަގުތީ އެއްޗެއް ކަމަށާއި އެތަކެއްޗަކީ ދޫކޮށްފައި ދާންޖެހޭނެ ތަކެތި ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

ދުނިޔޭގެ ހަޔާތަކީ ޒުވާންކަމާއި މުސްކުޅިކަމާއި "އަޖޫޒުކަން" އަންނަ އެއްޗެއް ކަމަށާއިއެހެންކަމުން ދުނިޔޭގައި ފިލާދަނިވި ނިއުމަތަށް އިންސާނާ ކިތަންމެ އަޖާއިބުވިޔަސް އެއީ އިސާހިތަކު ފިލައިގެންދާނެ ނިއުމަތެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައި ވަނީ އިންސާނާގެ ދުނިޔެވީ ހަޔާތް، މާތްﷲ ލައްވާފައި ވަނީ އޭނާގެ އުހުރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑުބިމެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ދަނޑުބިމުގައި އިންސާނާ ރަނގަޅަށް ގޮވާން ނުކޮށްފިނަމަ މާތްﷲ ގެ ހަޟްރަތަށް ދާނީ ހުސްއަތާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.