14 Oct 2016, 10:14
ސޯނަމް ކަޕޫރާއި ދީޕިކާ ޕަދުކޯން އަކީ އެއް ދުވަހެއްގައި ބޮލީވުޑަށް ތައާރަފުވި ދެ ފަންނާނުންނެވެ. ސޯނަމްގެ 'ސާވަރިޔާ' ފްލޮޕްވި ނަމަވެސް ދީޕިކާގެ 'އޯމް ޝާންތި އޯމް' ވެގެން ދިޔައީ ހިޓް ފިލްމަކަށެވެ. އެހިސާބުން ސޯނަމްގެ މައްޗަށް ދީޕިކާ ކުރި ހޯދި އެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެ، ގިނަ އެވޯޑު ތަކެއް ވަނީ ހޯދައިފައެވެ. އަދި މިހާރު ބޮލީވުޑުގައި ހުރި އެންމެ ކުޅަދާނަ ހުނަރުވެރި އަންހެން ފަންނާނަކީ ދީޕިކާ ކަމުގައި ވެސް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.
ނަމަވެސް ސޯނަމް ގަބޫލު ކުރާ ގޮތުގައި އެންމެ ހުނަރުވެރި ފަންނާނަކީ ދީޕިކާ އެއް ނޫނެވެ. ސޯނަމް އަކީ ބުނަން ބޭނުން ކޮންމެ އެއްޗެސް ވެސް އެއްވެސް ޖެހިލުމެއް ނެތި ބުނާ ތަރި އެކެވެ. އެހެންކަމުން ދީޕިކާ އާއި ޕްރިޔަންކާ އާއި ދެމީހުން ދޭތެރެއިން ބޮޑަށް ހުނަރުވެރީ ކޮން ފަންނާނެއްތޯ އެހުމުން، ކުޑަ ވަގުތު ކޮޅަކަށް ވިސްނާލަން ވެސް ސޯނަމް ބޭނުމެއް ނުވި އެވެ.
ސޯނަމް ބުނީ ދީޕިކާއަށް ވުރެ ޕްރިޔަންކާ މޮޅު ކަމަށެވެ. ސަބަބު ހާމަކުރުމެއް ނެތި ސޯނަމް އެހެން ބުނި ނަމަވެސް، ދީޕިކާ އާއި ސޯނަމް އާ ދެމެެދު އޮންނަ ނުރުހުންވުމުގެ ސަބަބުން ސޯނަމް ދިން ޖަވާބަކީ ހައިރާން ވާން ޖެހޭ ޖަވާބެއް ނޫނެވެ.
ޕްރިޔަންކާ އާއި ދީޕިކާ މިހާރު އަންނަނީ ދެމީހުންގެ ހޮލީވުޑް ފިލްމަށް ވާން ޖެހޭ ފަހުގެ ތައްޔާރީ ތައް ވަމުންނެވެ. ސޯނަމް ވެސް ވަނީ ހޮލީވުޑަށް ޝައުގުވެރިކަން ހުރިކަން ހާމަކޮށްފައެވެ. އަދި ހޮލީވުޑް ފިލްމެއްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.