ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ބިދޭސީންގެ ސެކިއުރިޓީ ޑިޕޮސިޓް ގޮތުގައި ދައްކާފައިވާ ގިނަ އަދަދެއްގެ ފައިސާ މަދުވާ ކަމަށް ސިސްޓަމުން ފާހަގަކުރެވިގެން އެ އެފައިސާ ނެގިކަމަށް ޝައްކުކުރެވޭ އިމިގްރޭޝަންގެ މުވައްޒަފެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، އިމިގްރޭޝަނަށް ބިދޭސީންގެ ޑިޕޮސިޓް ގޮތުގައި ދައްކާފައިވާ ގިނަ އަދަދެއްގެ ފައިސާ މަދުވާކަން އައިޓީ ސިސްޓަމުން ފާހަގަކުރެވިގެން އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް، މަދުވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ވިދާޅުވާން ނޭނގޭ ކަމުގައި ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށްނަށް ފެނުނީ ސިސްޓަމް ތެރެއިން ފައިސާ މަދުވާކަން. ފުލުހުން މިހާރު އެ ތަހުގީގު އެބަ ހިންގާ. މިވަގުތު އެންމެ މީހަކާ ސުވާލުކުރެވެމުންދަނީ...އޭނާގެ ނަންބަރުގައި އެންޓާވެފައި ހުރި ހުރިހާ އެއްޗެހި ]ފައިސާ[ ބަލަމުން އެބަގެންދޭ،" ޝާހިދު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އިމިގްރޭޝަނަށް ޑިޕޮސިޓުގެ ގޮތުގައި އެއް މިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށް ސިސްޓަމުން ދެއްކި ނަމަވެސް، އެފައިސާ ކޭޝް އަކުން ނެތެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ސިސްޓަމުން ދައްކާ ފައިސާތަކެއް މަދުވާކަން ފަޅާއެރީ މީގެ ދެ ތިން ދުވަހެއް ކުރިން ކަމަށާއި އެ ފައިސާ އަށް ވީގޮތް އިމިގްރޭޝަނާއި ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިމިގްރޭޝަނުގެ މުވައްޒަފަކު ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ. ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރި ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ.

ނަމަވެސް، ކޮންޓްރޯލާ ވިދާޅުވީ، ތުހުމަތުކުރެވޭ އިމިގްރޭޝަންގެ މުވައްޒަފު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސުވާލުކޮށްފައިވާ ކަމަށެވެ. އެ މުވައްޒަފާ މެދު އޮފީހުން އަދި ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި ތަހުގީގު ނިމެންދެން އޭނާއަށް ސިސްޓަމަށް ނުވަދެވޭ ގޮތް ހަދާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.