ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު 'އޭ ދިލް ހޭ މުޝްކިލް' ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ކުޅެދީފައިވާ ރޯލު، ފިލްމުން އުނިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފިލްމު އުފެއްދި ފަރާތުން ދޮގުކޮށްފި އެވެ.

އެ ފިލްމުން ފަވާދުގެ ރޯލު އުނިކޮށްފައިވާ ކަމަށް ޚަބަރުތައް ބުނަން ފެށީ، މަހާރާޝްތުރަ ޕާޓީން އެކަން އެގޮތަށް ކުރުމަށް އަންގައި، ފަވާދު ހިމަނައިގެން ފިލްމު ރިލީޒް ނުކުރެވޭނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނިކޮށެވެ.
ނަމަވެސް ފިލްމު އުފެއްދި ދަރްމާ ޕްރޮޑަކްޝަން އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ދަރްމާ ޕްރޮޑަކްޝަންގެ ފަރާތުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ފަވާދުގެ ރޯލަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި ފިލްމުގައި ފަވާދު ފެނިގެންދާނެ ކަމަށެވެ.
ފިލްމުން ފަވާދުގެ ރޯލު އުނި ކުރުމުގެ އިތުރުން، ފިލްމުގައި ހިމެނޭ ގައިގޯޅި މަންޒަރުތައް ވެސް ސެންސަރު ބޯޑުން އުނިކޮށްފައިވާ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.
ދަރްމާ ޕްރޮޑަކްޝަނުން ވަނީ އެ ވާހަކަތައް ވެސް ދޮގުކޮށްފައެވެ. ފިލްމު ސެންސަރު ބޯޑަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އަދި ސެންސަރު ބޯޑުން ފިލްމުގެ ކަންކަން ނިންމާފައި ނުވާކަމަށް ދަރްމާ ޕްރޮޑަކްޝަން އިން ބުނެ އެވެ.
ރަންބީރު ކަޕޫރު، އައިޝްވާރްޔާ ރާއި ބައްޗަން، އަނުޝްކާ ޝަރްމާ އަދި ފަވާދު ޚާން ފެނިގެންދާ ލޯބީގެ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.