14 Oct 2016, 10:08
މިޔުޒިކީ ލެޖެންޑު މުކޭޝްގެ ކާފަ ދަރިފުޅު އަދި ބޮލީވުޑް ފިލްމުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު ނީލް ނިތިން މުކޭޝް ކައިވެންޏަށް ތައްޔާރުވެ އެންގޭޖް ކޮށްފި އެވެ.
ނީލް އެންގޭޖް ވެފައި ވަނީ މުމްބާއީއަށް އުފަން ރުކްމިނި ސަހާއޭ އާ އެވެ. ދެ މީހުންގެ އެންގޭޖްމަންޓް ހަފްލާ މިދިޔަ އަންގާރަ ދުވަހު ބާއްވާފައި ވާއިރު އަންނަ އަހަރު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ރުކްމިނީ އަކީ އޭވިއޭޝަންގެ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. ދެމީހުންގެ ކައިވެނީގެ ކަންކަން ނިންމާފައި ވަނީ ދެފަރާތުގެ އާއިލާ އިންނެވެެ.
ޚަބަރުތައް ބުނާ ގޮތުން، ރުކްމިނީ މިހާރު ވެސް ވަނީ ނީލްގެ އާއިލާގެ ހިތް އަތުލައިފައެވެ. އަދި ރުކްމިނީ އަކީ ނީލް އާ އެންމެ ގުޅޭ ބައިވެރިޔާ ކަމަށް ވެސް އެ އާއިލާ އިން ބުނެފައިވާ ކަމަށް ވެ އެވެ.
ނީލް ވެސް ވަނީ ރުކްމިނީގެ ސީދާ ކަމާއި ސާދާ ކަމަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ.
ދެމީހުންގެ ކައިވެނި އަންނަ އަހަރުގެ ކުރީކޮޅު ކުރެވިގެންދާނެ އެވެ.