14 Oct 2016, 00:06
ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ޚަބަރު ލިބުމުން ހިތާމަ ކުރައްވާ ކަމަށާއި، ރާއްޖެ އެނބުރި އެ ޖަމިއްޔާއާ ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑް ވިދާޅުވެއްޖެއެވެ.
ރާއްޖެ ކޮމަންވެލްތުން ވަކިވިކަން އިއުލާން ކުރައްވަމުން، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ އެއީ "ވަރަށް ދަތި އުނދަގޫ، ނަމަވެސް ގައުމުގެ ސިޔާދަތު ހިމާޔަތް ކުރުމަށްޓަކައި" ނިންމި ނިންމުމެއް ކަމަށެވެ.
ދިވެހި ސަރުކާރުގެ ބަޔާން އިއްވަވަމުން ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގުވާމީ ގޮތުން މަގުބޫލުކަން ލިބިފައިވާ ކުޑަ ގައުމަކަށް ވާތީ، ޑިމޮކްރަސީގެ ނަމުގައި ކޮމަންވެލްތާއި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)އިން ދިޔައީ ބައިނަލްއަގުވާމީ މަސްރަހުގައި އެޖަމިއްޔާގެ ބަސް ވިކޭކަން ދެއްކުމަށްޓަކައި، ރާއްޖެއަށް އެކި ގޮތްގޮތަށް އުނދަގޫތައް ފޯރުކުރަމުން ކަމަށެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމި ނިންމުމާ ގުޅޭގޮތުން، އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑު ވިދާޅުވީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ހާލު، އެކަމާ ހިތާމަ ކުރާ ކަމަށެވެ.
"ކޮމަންވެލްތު ޗާޓަރުން ހާމަވަނީ މެމްބަރު ގައުމުތަކުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ތަރައްގީ ކުރިއެރުވުމަށް ކުރާ މަސައްކަތް. ކޮމަންވެލްތުން މި އަސާސުތައް ހާސިލުކުރުމަށާއި، ހުރިހާ މެމްބަރު ގައުމުތަކުން އެކަން ހާސިލުކުރުމަށް ހިތްވަރު ދޭނަން. އަދި މިކަންކަން ނަގަހައްޓައި، ރައްޔިތުންނަށް އެކަންކަމުގެ ފައިދާ ލިބޭނެކަން ޔަގީންކުރާނަން،" ޕެޓްރީޝާ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، ކޮމަންވެލްތުން ވަކިވުމަކީ ރާއްޖެއިން ވަގުތީ ގޮތުން ނިންމި ނިންމުމެއް ކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖެއިން އަލުން ކޮމަންވެލްތުގެ އާއިލާއަށް އެނބުރި އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ކޮމަންވެލްތުން ރާއްޖެއާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.
ސަރުކާރުން ބުނީ ރާއްޖެއިން ދިޔައީ ކޮމަންވެލްތުން އެދުނު ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ކޮމަންވެލްތަށް ދީފައެވެ.
"ދިވެހި ސަރުކާރުން އުއްމީދުކުރަމުން ދިޔައީ މިފަދަ އެއްބާރުލުމެއްގެ ސަބަބުން ރާއްޖެއަށް ފައިދާ ކުރަނިވި ނަތީޖާތަކެއް ފެނިގެންދާނެ ކަމަށް. ނަމަވެސް ހިތާމަޔަކީ، ޑިމޮކްރެސީގެ ސަގާފަތެއް ބިނާކުރުމަށާއި ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށް ކޮށްފައިވާ ގިނަގުނަ މަސައްކަތްތައް ކޮމަންވެލްތުން ބަލައިގެންފައިނުވާކަން،" ސަރުކާރުން ބުންޏެވެ.